އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕުގައި ނޯތު ޒޯން 2ގެ ގްރޫޕް އޭގައި ކުޅުނު ދެވަނަ މެޗުތަކުން ތުޅާދޫއާއި އިނގުރައިދޫ މޮޅުވެއްޖެއެވެ.
މުބާރާތުގައި ތުޅާދޫ ކުޅުނު ދެވަނަ މެޗުގައި ނުކުތީ އެ ޒޯނުގެ މެޗުތައް ހޯސްޓުކުރާ މަނަދޫއާ ދެކޮޅަށެވެ. މި މެޗުން ތުޅާދޫ މޮޅުވީ 0-5ގެ ނަތީޖާއަކުންނެވެ.
މެޗުގައި ތުޅާދޫގެ ލަނޑުތައް ޖަހައިދިނީ ޙަސަން ހައްޔާން ހުސެއިންގެ އިތުރުން މުޙައްމަދު ޒައިން ނިޔާޒް އަދި މުހައްމަދު ތަސްނީމެވެ. މީގެތެރެއިން ހައްޔާނާއި ޒައިން ވަނީ ކޮންމެ ކުޅުންތެރިއަކު ދެލަނޑު ޖަހާފައެވެ.
މިހާތަނަށް މި ދެޓީމުވެސް ޒޯން ބުރުގައި ދެމެޗު ކުޅެފައިވާއިރު މަނަދޫގެ ފުރަތަމަ މެޗުގައި އެޓީމު ބަލިވީ ޅ. ހިންނަވަރު އަތުން 0-5ގެ ނަތީޖާއަކުންނެވެ. މިއާއެކު ދެ މެޗުން އެޓީމު ކޮޅަށް 10 ލަނޑު މިވަނީ ވަދެފައެވެ. ތުޅާދޫގެ ފުރަތަމަ މެޗުގައި އެޓީމު ނުކުތީ އިނގުރައިދޫއާ ދެކޮޅަށެވެ. އެ މެޗުން ތުޅާދޫ ބަލިވީ 2-5 ގެ ނަތީޖާއަކުންނެވެ.
ނޯތު ޒޯން 2 ގެ ގްރޫޕް އޭގައި ދެން ކުޅުނީ ހިންނަވަރާއި އިނގުރައިދޫއެވެ. އެ މެޗު 1-3ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ.
މެޗުގައި އިނގުރައިދޫގެ ލަނޑުތައް ޖަހައިދިނީ އަލީ ހާފިޒް އާއި އިބްރާޙީމް މުބީން އަބްދުލް ރަޝީދުގެ އިތުރުން ބަޓީރްބެކް އޫލު އުލާނެވެ. މެޗުގައި ހިންނަވަރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙްމަދު އަޝްރަފެވެ.
މި ނަތީޖާތަކާއިއެކު ނޯތު ޒޯން 2ގެ ގްރޫޕް އޭގެ އެއްވަނައިގައި އިނގުރައިދޫ އޮތީ ދެމެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހިންނަވަރާއި ތިންވަނައިގައި އޮތް ތުޅާދޫއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ހިންނަވަރަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައި ނުވާ މަނަދޫއެވެ.