ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) އިން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އާ ގުޅިގެން ސީ.އައި.އެސް ސަރަޙައްދުގައި ކުރިއަށްގެންދިޔަ 'އައި އެމް މޯލްޑިވްސް' ރޯޑްޝޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެމްބަރު 21 އިން 25 އަށް، ރަޝިޔާގެ މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގްގެ އިތުރުން ކަޒަކިސްތާނުގެ އަލްމަޓީގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސް، ރިސޯޓް، ހޮޓާ، ސަފާރީ އަދި ޓްރެވަލް އެޖެންސީތައް ހިމެނޭހެން 26 ކުންފުންޏަކުން 50 އަށްވުރެ ގިނަ މަންދޫބުން މި ރޯޑްޝޯގައި ބައިވެރިވިއެވެ. މިއީ ސީ.އައި.އެސް ސަރަޙައްދުގެ ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހުރި ތަފާތު އަދި މުއްސަނދި ފުރުސަތުތައް ސީދާގޮތެއްގައި ތަޢާރަފުކޮށްދިނުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.
މި ތިން ސިޓީގައި ބޭއްވި ހަރަކާތްތަކުގައި، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް 250 އަށްވުރެ ގިނަ ފަންނީ ބޭފުޅުން ބައިވެރިވިއެވެ. މި އިވެންޓްތަކުގެ ސަބަބުން، އެ ސަރަޙައްދުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށް ދިވެހި ވަފުދަށް ފަހި ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
އެން.އެޗް.ޖީ.އޭ.އެމްގެ ރައީސް ޢަބްދުﷲ ނަޝީދު ވިދާޅުވީ، މި ރޯޑްޝޯ ކާމިޔާބުކަމާއެކު ނިންމާލެވުމަކީ، ބައިނަލްއަޤުވާމީ މާކެޓްތަކުގައި ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.
"މޮސްކޯ، ސެއިންޓް ޕީޓަސްބާގް އަދި އަލްމަޓީއަކީ އަޅުގަނޑުމެންގެ މެންބަރުންނަށް އެ ސަރަޙައްދުގެ ޓްރެވަލް ޓްރޭޑް ފަރާތްތަކާ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ ތަފާތު ތަޖުރިބާތައް ހިއްސާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް. މި ތިން ސިޓީން ލިބުނު ފުރިހަމަ ތަރުހީބާމެދު ނުހަނު އުފާކުރަން" އެން.އެޗް.ޖީ.އޭ.އެމްގެ ރައީސް ޢަބްދުﷲ ނަޝީދު ވިދާޅުވިއެވެ.
އައި އެމް މޯލްޑިވްސް ރޯޑްޝޯގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ބޭރު ދުނިޔެއަށް ދައްކާލުމަށް މުހިންމު ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށް އެން.އެޗް.ޖީ.އޭ.އެމްގެ ނައިބު ރައީސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
"މި ތިން ސިޓީން ފެނިގެންދިޔަ ބޮޑު ތަރުހީބުން ހާމަވެގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ސީ.އައި.އެސް މާކެޓުގެ މުހިންމުކަން. މި ރޯޑްޝޯގެ ޒަރީއާއިން ރާއްޖޭގެ އެކި ފަންތީގެ އެކޮމޮޑޭޝަންތަކާއި ދަތުރުފަތުރުގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހުށަހަޅައިދެވުނު. މި ހަރަކާތް ކާމިޔާބުކުރުމަށް އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" އެން.އެޗް.ޖީ.އޭ.އެމްގެ ނައިބު ރައީސް އަޙްމަދު ވަޙީދު ވިދާޅުވިއެވެ.
ސީ.އައި.އެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މާކެޓެކެވެ. އެގޮތުން 2025 ވަނަ އަހަރު ރަޝިޔާއިން 278,761 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 23.8 އިންސައްތައިގެ ކުރިއެރުމެކެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ސެޕްޓެމްބަރު 2 ގެ ނިޔަލަށް 209,815 ފަތުރުވެރިންނާއެކު ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 14.6 އިންސައްތައެވެ.
މީގެ އިތުރުން، 2026 ޖޫން މަހުގެ ނިޔަލަށް 18,602 ފަތުރުވެރިންނާއެކު ކަޒަކިސްތާނު އޮތީ ރާއްޖޭގެ 11 ވަނަ މާކެޓުގެ ގޮތުގައެވެ. ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ފުޅާވަމުން ދިއުމާއި، ސީ.އައި.އެސް ސަރަޙައްދުގައި ރާއްޖެއަށް އޮތް ތަރުހީބު އިތުރުވަމުން އަންނާތީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ފުރުސަތުތައް ފަހި މުހިންމު ސަރަޙައްދެކެވެ.