އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ފުޓްސަލްގެ ގަދަ ބާރެއްގެ ގޮތުގައި ނިސްބަތްކުރެވޭ ބ. އޭދަފުށީގެ މައްޗަށް ރ. ދުވާފަރުން ކުރިހޯދައިފިއެވެ.
ނ. މަނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން އޭދަފުށީގެ މައްޗަށް ދުވާފަރުން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މޮޅު ކުޅޫމެއް ދުވާފަރުގެ ފަރާތުން ފެނިގެންދިޔައިރު ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް އެޓީމުންނެވެ. މެޗު ފަށައިގެން 9 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް އަނާން އަލީއެވެ. އޭގެ ފަސް މިނެޓުފަހުން މުސްލިމް މުޙައްމަދު ވަނީ ދުވާފަރުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ޖެހި ލަނޑެކެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ބައްސާމް މުޙައްމަދު ނައީމެވެ.
މެޗުގެ ނަތީޖާ ހަމަހަމަކޮށް، އޭދަފުއްޓަށް ޕޮއިންޓެއް ހޯދައިދޭން މުޙައްމަދު ފާސިރަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ދުރު ޕެނަލްޓީއެއް އޭދަފުއްޓަށް ލިބުނުއިރު އޭނާ ފޮނުވާލި ޕެނަލްޓީއަށް ދުވާފަރުގެ ކީޕަރު ވަނީ ހުރަސްއަޅާފައެވެ.
މި ނަތީޖާއިން ދުވާފަރު މޮޅުވިއިރު މި ދެޓީމު ހިމެނެނީ ނޯތު ޒޯން 2ގެ ގްރޫޕް ބީގައެވެ. މި ދެޓީމުގެ އިތުރުން ދެން އެ ގުރޫޕުގައި ހިމެނެނީ ނ. މަގޫދޫއެވެ.
މި ޒޯނުގެ ގްރޫޕް އޭގައި ހުކުރު ދުވަހު ވަނީ ދެ މެޗެއް ކުޅެފައެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި، މަނަދޫގެ ދަނޑުގައި އެޓީމުގެ މައްޗަށް ޅ. ހިންނަވަރުން ވަނީ 0-5ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.
މެޗުގައި ހިންނަވަރުގެ ލަނޑުތައް ޖަހައިދިނީ އިބްރާޙީމް ސިމާހު އާއި މުޙައްމަދު ނަސީރުގެ އިތުރުން އަބްދުﷲ އަޒާނާއި އަބުލްފަޒުލެވެ. ސިމާހު ވަނީ މެޗުގައި ދެލަނޑު ޖަހާފައެވެ.
މި ގުރޫޕުގައި ދެން ކުޅުނީ ތުޅާދޫއާއި އިނގުރައިދޫއެވެ. މި މެޗު 2-5 އިން ކާމިޔާބުކުރީ އިނގުރައިދޫއެވެ. މެޗުގައި އިނގުރައިދޫގެ ލަނޑުތައް ޖަހައިދިނީ އަހުސަމް އަލީއާއި އަޙްމަދު މަޝީދުގެ އިތުރުން ބަޓީރްބެކް އޫލު އުލާނެވެ. އަދި ތުޅާދޫގެ މުޙައްމަދު ތަސްނީމް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަދެފައިވެއެވެ. ބަޓީރްބެކް އޫލު އުލާން ވަނީ މެޗުގައި ދެލަނޑު ޖަހާފައެވެ.
ތުޅާދޫގެ ދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހައްޔާން ހަސަން ހުސެއިނެވެ.
މި ނަތީޖާތަކާއިއެކު އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕުގެ ނޯތު ޒޯން 2ގެ ގްރޫޕް އޭގެ އެއްވަނަ ލިބެނީ ހިންނަވަރަށެވެ. ހިންނަވަރާއި ދެވަނައިގައި އޮތް އިނގުރައިދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު ހިންނަވަރަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. ތާވަލުގެ ތިންވަނައިގައި ތުޅާދޫ އޮތްއިރު ފުލުގައި އޮތީ ނޯތު ޒޯން 2 ގެ މެޗުތައް ހޯސްޓުކުރާ ނ. މަނަދޫއެވެ.