ޚަބަރު

މަނާކޮށްފައިވާ ހަތިޔާރު ބޭނުންކޮށްގެން ޔަހޫދީން ލުބުނާނަށް ހަމަލާދީފި


ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ އެކި ސަރަޙައްދުތަކަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާކޮށްފައިވާ ވައިޓް ފޮސްފަރަސް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ލުބްނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަބަޠިއްޔާ ޑިސްޓްރިކްޓްގެ ޒައުތަރު އަލް-ޝަރްޤިއްޔާ، މައިފަދޫން އަދި ނަބަޠިއްޔާ އަލް-ފައުޤާގެ ބޭރު ސަރަޙައްދުތަކަށް ޔަހޫދީންގެ ވަރުގަދަ ބޮމުގެ ޙަމަލާތަކެއް ވަނީ އަމާޒުވެފައެވެ.

އެ ނޫހުން އިތުރަށް ހާމަކުރި ގޮތުގައި، ނަބަޠިޔޭ އަލް-ފައުޤާ އަދި ޒައުޠަރު އަލް-ޝަރްޤިއްޔާއަށް ތަކުރާރުކޮށް ދިން ޙަމަލާތަކުގައި ފޮސްފަރަސް ބޮން ބޭނުންކޮށްފައިވެއެވެ. މީގެއިތުރުން، ޞޫރު ޑިސްޓްރިކްޓްގެ ވާދީ ޒިބްޤީން، ޙާރިޘް އަދި ޙައްދަތަގެ ވަށައިގެންވާ ސަރަޙައްދުތަކަށްވެސް ޔަހޫދީން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

މި ޙަމަލާތަކާ ގުޅިގެން، މަރުޖަޢޫން އަދި ބިންތު ޛުބައިލް ސަރަޙައްދަށް ޔަހޫދީން ވައިގެ މަގުން ދިން ހަމަލާތަކުގައި ނުގޮވާ އޮތް ދެ ބޮން، ލުބުނާނުގެ އަސްކަރިއްޔާގެ ޚާއްޞަ ޓީމަކުން ވަނީ ރައްކާތެރިކަމާއެކު ނައްތާލައިފައެވެ.

ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ، މިދިޔަ މާރިޗު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 4,386 މީހުން ވަނީ ޝަހީދުވެފައިވާ ކަމަށެވެ. އަދި 12,407 މީހުން ޒަޚަމްވެފައިވާއިރު، ގެދޮރު ގެއްލި ޙާލުގައި ޖެހުނު މީހުންގެ ޢަދަދު ވަނީ 1 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ޔަހޫދީން ދައުލަތުން ވެރިވެގަނެފައިވާ ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފޭބުމަށާއި، އެ ސަރަޙައްދުތަކުގައި ލުބުނާނުގެ އަސްކަރިއްޔާ ބާރުވެރިކޮށް، ހިޒްބުﷲ ޖަމާޢަތުން ހަތިޔާރު ބެހެއްޓުމަށް ފާއިތުވި ޖޫން މަހު އެކުލަވާލެވުނު އެއްބަސްވުމަށް ޢަމަލުކުރުމުގެ ބަދަލުގައި، ޔަހޫދީން ދަނީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ މެދުކެނޑުމެއްނެތި ލުބްނާނަށް ޙަމަލާތައް ދެމުންނެވެ.