ޚަބަރު

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ރާއްޖޭން ވަރުގަދަ ޓީމެއް


  • ރާއްޖެ ތަމްސީލުކުރާނީ ޢަލީ މަބްރޫކް، އަޒްނީން ރަޝާދު، އަހްމަދު ނަޢީމް އަދި ހުސައިން ރާހިލް ޞާދިޤް

  • މުބާރާތުގައި 30 ވަރަކަށް ޤައުމުން 400 އެއްހާ އެތުލީޓުން ވާދަކުރޭ

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ބޮޑީބިލްޑިން ޓީމު ފުރައިފިއެވެ.

މުބާރާތަށް ޤައުމީ ޓީމު ފުރާފައިވަނީ އަންގާރަދުވަހުގެ ރެޔެވެ. މުބާރާތުގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނެނީ ޢަލީ މަބްރޫކް ލަޠީފް، އަޒްނީން ރަޝާދު، އަހްމަދު ނަޢީމް އަދި ހުސައިން ރާހިލް ޞާދިޤެވެ.

މި ސްކޮޑުގައި ހިމެނޭ ބޮޑީބިލްޑަރުންނަކީ މީގެ ކުރިންވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ޤައުމަށް މެޑަލްތައް ހޯދައިދީފައިވާ އެތުލީޓުންނަށްވާއިރު، މިމުބާރާތުގައިވެސް ޤައުމީ ސްކޮޑުން ވާދަކުރަނީ ރަނގަޅު ވަނަތަކެއް ހޯދުމުގެ އަޒުމުގައެވެ.

އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ޤައުމީ ސްކޮޑް ތައްޔާރުވެފައިވަނީ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗް ޢަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މުހައްމަދު ނަޒީހްއެވެ.

58 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2026 މިއަހަރު ކުރިއަށްދަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އެލެކްޒެންޑާ ހޮޓެލްގައެވެ. މިމަހުގެ 22 އިން 28އަށް ކުރިއަށްދާ މިމުބާރާތުގައި އަފްޣާނިސްތާނު، ޗައިނާ، ޖަޕާން އަދި ހޮންގކޮންގ ފަދަ ޤައުމުތައް ހިމެނޭހެން 30 ވަރަކަށް ޤައުމުން ބައިވެރިވެފަވާއިރު، މުބާރާތުގައި 400 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.