ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މިރާލް ޢައިން ލަތީފް، އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.
މިރާލް މި ރެކޯޑު އައުކޮށްފައި ވަނީ ޖަޕާނުގައި މިހާރު ކުރިއަށް ދާ 20 ވަނަ އޭޝިއަން ގޭމްސްގެ ތެރެއިންނެވެ. މިރާލް ރެކޯޑު އައުކުރީ 01:22:06 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ 2025 ވަނަ އަހަރު ހަންގޭރީގައި ބޭއްވި އެގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ޙަމްނާ އަޙުމަދު އެވެ. އޭނާ އެ ރެކޯޑު އައުކުރީ 01:23.38 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިހާރު ކުރިޔަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑުވެސް ވަނީ އައުކޮށްފައެވެ. މި ރެކޯޑު އައުކުރީ މުޙައްމަދު ރިޙާން ޝިހާމެވެ.
ރިޙާން މި ރެކޯޑް އައުކުރީ 05:06:92 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް އެންމެފަހުން ވެސް އާކޮށްފައިވަނީ ރިހާނެވެ.
އެއީ ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި 05:09:68 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.
މިހާރު ކުރިއަށްދާ 20ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ސްވިމިން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މުޙައްމަދު ރިހާން ޝިހާމް، ލޫޠު މުޙައްމަދު ހުސައިން، މަލާއިކާ ލިންޑާ އިމްރާން އަދި މިރާލް ޢައިން ލަތީފެވެ.