ޚަބަރު

ވިމެންސް ޗެމްޕިއަންސް ލީގުގައި އާސެނަލް ފެށުން ރަނގަޅުކޮށްފި


  • ކޫގް އާއި ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުން

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގައި އާސެނަލް އާއި އެޗްބީ ކޫގް ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އާސެނަލްގެ މަންގަޓާ ޑެވެލޮޕްމަންޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އާސެނަލް ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. އާސެނަލް އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި ކޫގްއިންވެސްވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްފައެވެ. އަދި އާސެނަލް އިން މިމެޗަށް ނެރެފައިވަނީ އެންމެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް ވިމެން އާއި ބައްދަލުކޮށް އެއް ލަނޑު އެއް ލަނޑުން އެއްވަރުވި މެޗުގައި ކުޅުނު އެގާރައަށް އަށް ބަދަލު ގެނެސްގެންނެވެ.

މިސީޒަންގައި ލިބޭ ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފެމުން ނުދާ އާސެނަލްއަށް މިމެޗުގައި ގިނައިން ޕާޓްޓައިމް ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވި ކޫގްގެ ޑިފެންސް ފޫއަޅުވާލުމުގައި މާބޮޑު ކުރި އެރުން ތަކެއް ލިބެމުންދިޔަ ތަނެއް ނުފެނުނެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިންމާލި އިރު 90 މިނެޓްގެ ކުޅުން ނިމި އިތުރު ވަގުތު ދެއްކިއިރުވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ހީވެފައިވަނިކޮށް އާސެނަލްއަށް އުންމީދު އާވީ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދީ މިމެޗުން އާސެނަލް މޮޅު ކޮށްދިން ލަނޑު ޖަހައިދީފައިވާ މަރިއޯނާ ކަންޑެންޓޭއެވެ.

ކޫގް ކައިރިން ވަރަށް އުނދަގުލުން ހޯދި މިކާމިޔާބީ އާއެކު އާސެނަލްއިން ވިމެންސް ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައިވީ ނަމަވެސް އެޓީމަށް ދިމާވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.

މީގެއިތުރުން މިމުބާރާތުގައި ރެއާލް މެޑްރިޑް ފެމިނީނޯ އާއި ޕެރިސް ސެއިންޓް ޖަރމެއިން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވަނީ އެއްވަރު ވެފައެވެ. ރެއާލްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 2 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ ރެއާލް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފެލީސިއާ ޝްރޮޑަރއެވެ. އަދި ޕީއެސްޖީން އެއްވަރު ކުރި ލަނޑު ޖަހާފައިވަނީ ސަކީނާ ކާޗައުއީއެވެ.