އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން ތާރީޚުގައި ރައްޖޭގައި އިޙްތިރާމް އަދާކުރުމުގެ ކަންކަން އޮތޮގޮތް ދިރާސާތަކެއް ކޮށްފައިވާކަމަށް، ތާރީޚުގެ އިސްވާރު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، އަލްއުސްތާޛް އަޙްމަދު ޝާކިރު، ކަށިމާ ވިދާޅުވެއްޖެއެވެ.
ކަށިމާ ޝާކިރު އެފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި، އިޙްތިރާމްކުރުމުގެ ޤައުމީ ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ ތާރީޚަށް ބަލާއިރު ދިވެހިންގެ ކިބައިން ފާހަގަކުރެވުނު ރިވެތި ސިފަތަކަކީ ކޮބާކަން ދެނެގަތުމަށް މަސައްކަތްކުރައްވާފައިވާނެކަމަށް ޝާކިރު ވިދާޅުވިއެވެ. ތާރީޚީގޮތުން ދިވެހިން އުޅުނު ގޮތް ދެނެގަނެ، އެ ސިފަތައް އެއްކުރުމުގެ މަސައްކަތްކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިންނަކީ އިޖުތިމާޢީ، ސިއްޙީ އަދި މަދަނީގޮތުން އިޚްތިރާމް އަދާކުރުމުގެ ރީތި ސިފަތަކެއް ގެންގުޅުނު ބައެއްކަމަށް ޝާކިރު ވިދާޅުވިއެވެ. ދިވެހިންނަކީ ނަފްސީގޮތުންނާއި ތަބީޢީ ގޮތުންވެސް އިޚްތިރާމް އަދާކުރުމުގެ އާދަ އަށަގަނެފައިވާ ބައެއްކަމަށް ޝާކިރު ވިދާޅުވިއެވެ.
"ދޭދޭ ޤައުމުތަކަށް ބަލާއިރު އެއް ޤައުމު އަނެއް ޤައުމާ ތަފާތުވަނީ އަމިއްލަ ރީތި ސިފަތަކުން. އެ މީހުންގެ އަގު ކުރާ ސިފަތަކެއް ހުރޭ. ހެދުން އެޅުމާއި، މުޢާމަލާތުކުރުން ފަދަ ކަންކަން. ދިވެހިންނަށް ޚާއްސަ އައިޑެންޓިޓީއަކީ ކޮބާތޯ ބަލާ ތައްޔާރުވެގެން އަޅުގަނޑުމެން މިތިބީ. އެކަމަށް ވަރަށް ބޮޑަށް ތައްޔާރު." އަލްއުސްތާޛް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ މިއަދާއި ހިސާބަށް އައިއިރު ދިވެހިންގެ އިޚްތިރާމްކުރުމަށް އައި ބަދަލަކީ ކޮބާތޯ ބަލާ، އެ އާދަތައް އަށަގަންނަން މަސައްކަތްކުރަންޖެހޭކަމަށެވެ. މުޖުތަމަޢުގެ އުފާވެރިކަން ބިނާވެފައިވަނީ ދިވެހިންގެ ރީތިއާދަތަކުގެ މައްޗަށްކަމަށާ، އެކަކު އަނެކަކުގެ ހާލުބެލުމަކީ ދިވެހިންގެ އަސްލާ ގުޅިފައިވާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވިއްޖެނަމަ ގައުމަށް ފައިދާއާއި ލާބަޔާއި މަންފާ ލިބޭނެކަމަށް ޝާކިރު ވިދާޅުވިއެވެ. ހަރުދަނާ، ރީތި މުޖުތަމަޢުއެއް ޤާއިމްވެގެން ނޫނީ ޤައުމަށް ފައިދާ ނުވާނެކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
ކަކު އަނެކަކަށް އިޚްތިރާމްކުރުމުގެ އާދަ ދިވެހިންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާކަމަށާއި، އިޙްތިރާމްކުރުމުގެ ޤައުމީ ކެމްޕޭނަކީ ދިވެހިންގެ ރީތި އާދަތައް އަނބުރާ ހޯދައިދުނުމުގެ މަޤްސަދުގައި ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުއެއްކަމަށް ޝާކިރު ވިދާޅުވިއެވެ. އިޙްތިރާމްކުރުމުގެ ޤައުމީ ކެމްޕޭނުގެ ޝިޢާރަކީ "އިޙްތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ"އެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެގެ ދަށުން ޚާއްސަ ވެބްސައިޓެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ވެބްސައިޓް މެދުވެރިކޮށް ތަފާތު މެސެޖްތަކާއި އެކި ހަރަކާތްތަކުގެ ފޮޓޯތަކާއި ވީޑިއޯތަކާއި އަދި ލިޔެކިޔުންތައް ފެންނަން ހުންނާނެ ފަދަ ގޮތަކަށް ފަރުމާކުރުމަށް ހުޅުވާލަން ވަނީ ނިންމާފައެވެ.