ޚަބަރު

އިމާމުންނާއި ޚަޠީބުންގެ ފޭރާންކޮޅު؛ ދިވެހިވަންތަ ސަޤާފީ ޑިޒައިނެއް


  • މިއީ ރާއްޖޭގައި އިމާމުންނާއި ޚަތީބުންނަށް ޚާއްސަ ރަސްމީ ފޭރާމެއް ތައްޔާރުކުރާ ފުރަތަމަ ފަހަރު

  • އަންނަ ރަމަޟާންމަހުން ފެށިގެން އެހެދުން ބޭނުންކުރާގޮތަށް ނިންމަން މަސައްކަތްކުރަނީ

ރާއްޖޭގެ އިމާމުންނާއި ޚަތީބުން އިމާމުވެ ނަމާދު ކުރައްވާއިރު އަދި ޚުތުބާ ދެއްވާއިރު ތުރުކުރައްވާ ފޭރާންކޮޅު ފަރުމާކުރާނީ ދިވެހިވަންތަ، ސަޤާފީ ޑިޒައިނަކަށްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ސަޤާފަތާއި ތާރީޚާއި އަދި ހުކުރު މިސްކިތުގެ މުންނާރާއި ދިވެހިން ވިޔެ އުޅުނު ތުނޑުކުނަލާއި، ހިރިގަލުގެ ފަރުމާތަކުން ހިޔާލު ހޯދާފައިވާ ފޭރާމާއި ބޮލުގައި އަޅައި ތާހިކާގެ ނަމޫނާއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މިއީ އަދި ފުރަތަމަ މަރުހަލާކަަން ފާހގަަކުރައްވައި މިކަމަށް ޚިޔާލު ދެއްވުމަށް ވަޒީރު ވަނީ އެދިލައްވާފައެވެ. މި މަސައްކަތް ކުރިއަށްގެންދަން ބޭނުންވަނީ ވީހާވެސް ގިނަ ޚިޔާލުތަކާއެކު އުފެދޭ ނަތީޖާއެއްގެ މައްޗައްކަމަށާއި، ރާއްޖޭގެ ތާރީހާއި ސަޤާފަތުގެ އަސަރު މިކަމުގައި ހިމަނަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

ފޭރާންކޮޅު ޑިޒައިން ކުރުމުގައި ބަލާނީ އާސާރީ މިސްކިތްތަކާއި ތާރީޚުން ފެންނަން ހުރި ދިވެހި ވަންތަ އިސްލާމީ ހަޟާރަތުގެ ބަހާތަކުގެ މައްޗައްކަމަށާއި އަމާޒަކީ އަންނަ ރަމަޟާންމަހަށް ތަންފީޒުވާގޮތައް މިމަސައްކަތް ނިންމުމަށްކަމަށް ވަޒީރު ވިިދާޅުވިއެވެ.

މި މަސައްކަތަކީ ރާއްޖޭގެ ސަގާފަތާއި ތާރީޚު ދެމެހެއްޓުމަށާއި ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަދެގެން ދާ ބިދޭސީ އާދަކާދަތަކުން ސަލާމަތްވެ ދިވެހި ވަންތަ ސިފަތައް ކުރިއެރުވުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެކުރިން ރާއްޖޭގެ އިމާމުންނާއި ޚަތީބުންނަށް ޚާއްސަ ރަސްމީ ފޭރާމެއް ހެދިފައި ނުވެއެވެ.