ޔަހޫދީންގެ ނަސްލުހޭދައިގެ ޤަތުލުޢާންމުގައި ބޮޑެތި ގެއްލުންތައް ލިބި، ވެއްޓުމުގެ ނުރައްކާ އޮތް 255 އިމާރާތެއް ހުސްކޮށް ތަޅާލުމުގެ މަސައްކަތް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ފަށައިފިއެވެ. ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއާއި އެކުވެރި ދައުލަތްތައް (އދ) ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް އޮތް ނުރައްކާ ނައްތާލުމެވެ. ސެޕްޓެންބަރު 16 ވަނަ ދުވަހު އަލް-ސަޢާދާ އިމާރާތް ވެއްޓި 21 މީހުން ޝަހީދުވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި، ނުރައްކާ އޮތް ސަރަޙައްދުތަކުގައި އިންޒާރުގެ ބެރިކޭޑްތައް ޖަހައި، ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް އެހީދޭ ޓީމުތަކުން ދަނީ ވިލަރެސްކުރަމުންނެވެ.
ނާޒުކު ޙާލުގައި ހުރި އިމާރާތްތައް ދެނެގަނެ، އެ ތަންތަނުގައި ތިބި މީހުން ދަފްތަރުކުރުމުގެ މަސައްކަތް ޚާއްޞަ އިންޖިނޭރުންގެ ކޮމިޓީތަކުން ދަނީ ކުރަމުންނެވެ. ޣައްޒާގެ އެކި ސަރަޙައްދުތަކުން 3،000 އެއްހާ އިމާރާތް ނުރައްކަލުގެ ތެރޭގައި ހުރި އިރު، ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކުގައި ގެއްލުންވި ތަންތަން ވެއްޓިގެން މިހާތަނަށް 61 މީހުން ޝަހީދުވެފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ނަމަވެސް، ޔަހޫދީންގެ ޙިޞާރުގެ ސަބަބުން ބޮޑެތި މެޝިނަރީތައް ނުލިބުމާއި، ފައިސާގެ ދަތިކަމާއި، ވަޒަންވެރިކުރުވާނެ ސާފު ބިމެއް ނެތުމަކީ ބޮޑެތި ހުރަސްތަކެއް ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ. އެހެންކަމުން، ބަދަލު ބޯހިޔާވަހިކަމެއް ނެތިގެން އެތައް ހާސް ބަޔަކު އަދިވެސް ދިރިއުޅެނީ ރެނދުލާފައިވާ ނުރައްކާތެރި އިމާރާތްތަކުގައެވެ.
ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޮކްޓޫބަރު 10 ގައި ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވި ފަހުން، އެކަށީގެންވާ ފޭލިގެ ނެތުމާއި، ވަގުތީ ހިޔާވަހިކަން ބިނާކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ޔަހޫދީން ހުރަސްއެޅުމުގެ ސަބަބުން އެތައް އިމާރާތެއް ވަނީ ވެއްޓިފައެވެ. އިތުރު މީހުން މަރުވިޔަ ނުދިނުމަށް ޓަކައި، ބޯހިޔާވަހިކަމުގެ މުހިންމު ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް އެދި ބައިނަލްއަޤްވާމީ ފަރާތްތަކުން ތަކުރާރުކޮށް ގޮވާލި ނަމަވެސް، ޔަހޫދީ އިދާރާތަކުން އެއަށް އެއްވެސް ޖަވާބެއް ނުދެއެވެ.
2023 އޮކްޓޫބަރުގައި ޔަހޫދީން ފެށި ނަސްލުހޭދައިގައި ފަލަސްޠީނުގެ 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 174،000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް %90 ވަނީ ގެއްލުންވެ ނުވަތަ ސުންނާފަތިވެފައެވެ.