ޚަބަރު

ނޫ އިޤްތިޞާދުގެ ދެމެހެއްޓެނިވިކަމަށް ޗައިނާގެ އެހީގައި ތަމްރީނެއް


  • މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ޗައިނާގެ ހައިނާން ޔުނިވާސިޓީގެ އެހީގައި

  • މަސައްކަތު ބައްދަލުވުމުގައި 51 ފަރާތެއް ބައިވެރިވޭ

ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބޭނުން ކުރުމާއި ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ޗައިނާގެ ހައިނާން ޔުނިވާސިޓީއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި އެކި އިދާރާތަކާއި ސްކޫލު ދަރިވަރުން ހިމެނޭހެން 50 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ.

މިމަހުގެ 21 އިން 22 އަށް ކުރިއަށް ގެންދާ "ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމް އޮން ފިޝަރީސް އެންޑް ބްލޫ އިކޮނޮމީ" މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމާއި ގުޅޭގޮތުންނެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން މި ސެޝަންތަކުގައި މައުލޫމާތު ދޭނެއެވެ. މި ސެޝަންތަކުގައި މައުލޫމާތު ދޭނީ ޗައިނާގެ ހައިނާންސް ޔުނިވާސިޓީގެ ފަންނީ ތަޖުރިބާކާރުންނެވެ.

މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު ޢަހުމަދު ޝިޔާމެވެ. މިރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިމަސައްކަތު ބައްދަލުވުމަކީ ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު އޮތް ބަދަހިގުޅުމުގެ ތެރެއިން ކުރިއަށް ގެންދެވޭ ތަމްރީނެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ރާއްޖޭގެ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ ގިނަ ކަންކަމާއި ގުޅިފައިވާ ވަސީލަތެއްކަން ތަކުރާރުކުރައްވާފައެވެ.

ނޫ އިޤްތިޞާދު ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަކަށްވާއިރު، މިމަސައްކަތު ބައްދަލުވުމުގެ ސަބަބުން މި ސިނާޢަތަށް ކުރިއެރުންތަކެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް، ދެ ޤައުމު ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔަ ކަމަށެވެ. އަދީ މި ތަމްރީނަކީ އެ އެއްބަސްވުމުގެ ޢަމަލީ މަސައްކަތުގެ ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ބައިވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިބޭފުޅުންނަކީ، ސިޔާސަތު ކަނޑައެޅުމާއި ދިރާސާ ކުރުމާއި ތަޢުލީމީ ދައިރާގެ އިތުރުން ތަންފީޒީ ދައިރާގެ ފަރާތްތަކޭ. ތިޔަބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށް ތިޔަބޭފުޅުން ސުވާލު ކުރައްވާށޭ. އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކަކީ ވަކި އިދާރާއެއްގެ ދަށުން ހައްލުކުރެވޭނެ ކަމެއް ނޫން. " ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންހުއާ ވަނީ މަސްވެރިކަމަކީ ރާއްޖެއަށް މުހިންމު ސިނާޢަތެއްކަން ފާހަގަކުރައްވާ މިދައިރާގެ ތަރައްޤީއާއި ކުރިރުމަށް ޗައިނާއިން އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. ސަފީރު ވަނީ މި މަސައްކަތުގެ ބައްދަލުވުމަކީ އެ މަގަށް ކަންކަން އިންތިޒާމުކުރުމުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢާތުގެ އާރޯކަން ދަމަހައްޓަން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

"ޗައިނާ އޮތީ މަސްވެރިކަމުގެ ޓެކްނޮލޮޖީގެ ދައިރާއިން ހޯދާފައިވާ ކުރިއެރުންތައް ދިވެހިރާއްޖެއާއި ހިއްސާކުރުމަށާއި، މީހުން ބިނާކުރުމުގެ އިތުރުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ މާކެޓު ފުޅާކުރުމުގައި އެހީވުމަށް ތައްޔާރަށް. މިއީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ މަސައްކަތެއް. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިކަމާއި ނޫ އިޤްތީޞާދަކީ ރާއްޖޭގެ އިޤްތިޞާދުގެ މަސައްކަތްތައް ރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުން." ސަފީރު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓްރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން ހިމެނޭހެން 51 ފަރާތަކުން ބައިވެރިވެއެވެ.

މަސައްކަތު ބައްދަލުވުމުގެ އިތުރުން ހައިނާން ޔުނިވަސިޓީ ބޭފުޅުން މަސްވެރިކަމާ ބެހޭ ވުޒާރާގެ ދަށުން މެރިކަލްޗަރގެ ދިރާސާ ކުރާ ރަށްކަމަށްވާ ކ. މަނިޔަފުއްޓަށް ޒިޔާރަށްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ މަޤްސަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާރޓްނަރޝިޕްގެ ދަށުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ ހުނަރުވެރިކަން އިތުރުކުރުމަށް ކުރެވޭ ދަތުރެއް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރައިން ފާހަގަކުރެއެވެ.