އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ވާދަކުރަމުންދާ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުގެ ދެވަނަ މެޗުގައި ކަޒަކިސްތާނާ ވާދަކޮށް ބަލިވެއްޖެއެވެ. މިމެޗު ރާއްޖެއަށް ގެއްލުނީ ކަޒަކިސްތާނުން ފަހަތުން އަރާ ރާއްޖޭގެ މައްޗަށް 3-2 ގޭމުން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އުންމީދީ އެތުލީޓު ފާތިމަތު ދީމާ ޢަލީ ވަނީ ކަޒަކިސްތާނުގެ ޒަނޭރްކޭ ކޮޝްކުމްބަޔޭވާއާ ދެކޮޅަށް ނުކުމެ ގޭމު ކާމިޔާބު ކޮށްފައެވެ. މިގޭމު ދީމާ ކާމިޔާބުކުރީ 3-1 އިންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 12-10، 05-11، 11-05، 13-11 އިންނެވެ.
މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ކަޒަކިސްތާނުގެ ޒައުރޭޝް އަކަޝޭވާއާ ދެކޮޅަށެވެ. ދެވަނަ ގޭމުގެ ސެޓުތައް ދިޔައީ 03-11، 02-11، 11-05، 13-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ އާއިޝަތު އަލްސާ ނާފިޒު ނުކުތީ ކަޒަކިސްތާނުގެ ސަރްވިނޯޒް މިރްކަދީރޯވާއާ ދެކޮޅަށެވެ. މިގޭމުގެ ސެޓުތައް ދިޔައީ 05-11، 07-11، 05-11 އިންނެވެ.
ނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުޅުނު ގްރޫޕް ސީގެ ފަހު މެޗުގައި ބައްދަލު ކުރާނީ ދެކުނު ކޮރެއާ އާއި ކަޒަކިސްތާނެވެ.
ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ފުރަތަމަ ވާދަކޮށްފަވަނީ ދުނިޔޭގެ ހަތްވަނަ އަށް ރޭންކް ކުރެވިފައިވާ ދެކުނު ކޮރެއާއާއެވެ. އެމެޗު ރާއްޖެއަށް ނާކާމިޔާބުވީ ސީދާ ތިން ގޭމުންނެވެ. އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންދަނީ ރަނގަޅު ފައިޓެއް ދެމުންނެވެ.