ޖަޕާންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެން ބާސްކެޓް ބޯޅަ އިވެންޓުގެ ރަން މެޑަލް ދެކުނު ކޮރެއާއިން ކާމިޔާބު ކޮށްފިއެވެ.
ފިރިހެން ބާސްކެޓް ބޯޅަ އިވެންޓް ދެކުނު ކޮރެއާއިން ކާމިޔާބު ކުރީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު ޖަޕާން އާއި ބައްދަލުކޮށް 67 ޕޮއިންޓް 57 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. ނަގޯޔާގެ އައިޗީ އިންޓަރނޭޝަނަލް އެރީނާގައި ކުޅުނު މިމެޗުގެ ތިންވަނަ ކުއާޓަރގައި ކޮރެއާގެ ފޯވަޑް ލީ ހިޔުން ޖުންގ ވަނީ އޭނާ މިމެޗުގައި ކާމިޔާބު ކުރި 27 ޕޮއިންޓުގެ ތެރެއިން 13 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން މިމެޗުގައި ލީ ވަނީ 18 ރީބައުންޑްވެސް ނަގައިދީފައެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗު 100 ޕޮއިންޓް 83 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީވެސް ކޮރެއާއެވެ. ނަމަވެސް ގްރޫޕް ސްޓޭޖް މެޗާއި ބަލާއިރު ފައިނަލް މެޗު ވެގެންދިޔައީ ސްކޯ ކުރުން މަދު މެޗެއްގެ ގޮތުގައެވެ. މިގޮތުން ދެޓީމަށްވެސް އެންމެ ރަނގަޅު ކުޅުމެއް ފައިނަލްގައި ނުދެއްކުނުކަން ފާހަގަ ވެގެންދިޔައެވެ.
މިމެޗުގެ ފުރަތަމަ ކުއާޓަރގައި ޖަޕާނުން 16 ޕޮއިންޓް ހޯދިއިރު ކޮރެއާއަށް ކާމިޔާބުކުރެވުނީ 12 ޕޮއިންޓެވެ. ނަމަވެސް ދެވަނަ ކުއާޓަރފައި ކޮރެއާއިން 16 ޕޮއިންޓް ހޯދާ އަދި ޖަޕާނަށް 12 ޕޮއިންޓް ހޯދުމާއެކު ފުރަތަމަ ހާފު ނިންމާލިއިރު ދެޓީމު އޮތީ 28 ޕޮއިންޓް 28 ޕޮއިންޓުން އެއްވަރުވެފައެވެ. އަދި ތިންވަނަ ކުއާޓަރ ނިންމާލީ ލީގެ މޮޅު ކުޅުމާއެކު 55-47 ޕޮއިންޓުން ކޮރެއާ ކުރީގައި އޮވެގެންނެވެ. އަދި މިލީޑު އެޓީމުން ފަހު ކުއާޓަރގައިވެސް ދެމެހެއްޓިއެވެ.
މިކާމިޔާބީ އާއެކު ދެކުނު ކޮރެއާއިން މިވަނީ 12 އަހަރަށް ފަހު ބާސްކެޓްބޯޅައިން ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި ދެކުނު ކޮރެއާގެ ލީ ވެފައިވަނީ އޭނާގެ އާއިލާއިން އޭޝިއަން ގޭމްސްގައި ރަން މެޑަލް ހާސިލްކުރި ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން 1990 ވަނަ އަހަރު ލީގެ މަންމަ ސެއޮންގ ޖެއޮންގ އާ ވަނީ ބެއިޖިންގ ގައި ބޭއްވި މުބާރާތުގައި ކޮރެއާގެ އަންހެން ޓީމާއެކު ރަން މެޑަލް ހާސިލް ކޮށްފައެވެ.
ފިރިހެން ބާސްކެޓް ބޯޅަ އިވެންޓުގެ ތިންވަނަ ހޮވި މެޗުގައި ޗައިނާ އާއި ބައްދަލުކޮށް ކުރި ހޯދާފައިވަނީ އީރާނެވެ. މިމެޗު އީރާނުން ކާމިޔާބު ކުރީ 79-70 ޕޮއިންޓުންނެވެ. މިމެޗުގެ ފުރަތަމަ ހާފް ނިމުނުއިރު 31 ޕޮއިންޓު 29 ޕޮއިންޓުން ޗައިނާ ކުރީގައި އޮތް ނަމަވެސް ތިންވަނަ ކުއާޓަރ އީރާނުން ނިންމާލީ 55-46 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. އަދި ފަހު ކުއާޓަރގައި ޗައިނާއިން މޮޅުވުމަށް ވަރަށް މަސައްކަތް ކުރި ނަމަވެސް ހިތްވަރާއެކު ކުޅެމުންދިޔަ އީރާނުގެ ކުޅުންތެރިންގެ ފަރާތުން ކުރި ހޯދޭގޮތެއް ނުވިއެވެ.
މެޗަށްފަހު އީރާނުގެ ކުޅުންތެރިންވަނީ އެޤައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ލިބުނު ކާމިޔާބީގެ މުހިންމުކަން ފާހަގަ ކޮށްފައެވެ. އަދި ބައެއް ކުޅުންތެރިންވަނީ މިމެޑަލް ލިބުމާއެކު އެކުޅުންތެރިން ސިފައިންގެ ހިދުމަތަށް ނިކުންނަން ނުޖެހޭތީ އެކަމާއި އުފާކުރާކަން ހާމަކޮށްފައެވެ. އީރާނުގެ ރޫހާނީ ލީޑަރު ވަނީ އޭޝިއަން ގޭމްސްގައި މެޑަލްއެއް ހާސިލް ކުރާ ކޮންމެ އެތުލީޓެއް ސިފައިންގެ ހިދުމަތަށް ނިކުންނަން ނުޖެހޭގޮތަށް 2018 ވަނަ އަހަރު ނިންމަވާފައެވެ.