ޚަބަރު

ޑޭވިސް ކަޕްގެ ފައިނަލުން އިނގިރޭސިވިލާތް ޖާގަ ހޯދައިފި


  • އިނގިރޭސިވިލާތް ފައިނަލުން ޖާގަހޯދީ އެކުއެޑޯ 4 މެޗުން ބަލިކޮށްގެން

މިއަހަރުގެ ނޮވެމްބަރު މަހު އިޓަލީވިލާތުގެ ބޮލޯނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުން އިނގިރޭސިވިލާތް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން އިނގިރޭސިވިލާތް ޖާގަހޯދީ އެކުއެޑޯ އާއި ދެކޮޅަށް ކުޅުނު ކޮލިފައިންގ 4 މެޗުވެސް ކާމިޔާބު ކޮށްގެންނެވެ. ފަސް މެޗުގެ ތެރެއިން އެންމެ ގިނަ މެޗު ކާމިޔާބު ކުރާ ޓީމެއް މޮޅުވާ އުސޫލުން ކުޅޭ މިކޮލިފައިންގައި އިނގިރޭސިވިލާތާއި އެކުއެޑޯގެ މެދުގައި ކުޅުނު ސިންގަލްސް ދެމެޗު އިނގިރޭސިވިލާތުގެ ޓޮބީ ސެމިއުލް އާއި އަރތަރ ފެއެރީ ވަނީ ކާމިޔާބު ކޮށްފައެވެ.

އަދި އޭގެފަހުން ކުޅުނު ޑަބަލްސް މެޗުގައި އިނގިރޭސިވިލާތުގެ ހެންރީ ޕަޓެން އާއި ނީލް ސްކުޕްސްކީވަނީ އެކުއެޑޯގެ ގޮންޒާލޯ އެސްކޮބާ އާއި ޑިއޭގޯ ހޮޑަލްގޯ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައެވެ. މިމެޗު ދެ ކުޅުންތެރިން ކާމިޔާބު ކޮށްފައިވަނީ 6-3 އަދި 6-4 އިންނެވެ. މިކާމިޔާބީއާއެކު ތިން މެޗުގެ ލީޑެއް އިނގިރޭސީން ނެގިއިރު 4 ވަނަ މެޗުގައި ހެރީ ވެންޑެލްކެން ވަނީ އެކުއެޑޯގެ އެންޖެލް ވެލީޒް އާއި ބައްދަލުކޮށް 6-2 އަދި 6-3 އިން މެޗު ކާމިޔާބު ކޮށްފައެވެ.

މިއީ 2023 ވަނަ އަހަރަށް ފަހު ޑޭވިސް ކަޕްގެ ގަދަ އަށަކުން އިނގިރޭސިވިލާތަށް ޖާގައެއް ލިބުނު ފުރަތަމަ ފަހަރެވެ. މިކޮލިފައިންއާ އިނގިރޭސީން ކުރިމަތިލާން ޖެހުނީ އެޓީމުގެ މުހިންމު ކުޅުންތެރިން ތަކަކަށް އަނިޔާގައި ތިބި ވަގުތެއްގައި ކަމުން މިފަހަރު ފައިނަލަށް ދެވޭނެ ކަމާމެދު ސުވާލު އުފެދިފައިވިއެވެ. ނަމަވެސް ކެމަރަން ނޯރީ އާއި ޖެކް ޑްރެޕަރ އަދި ޔާން ޗޮއިންސްކީ އާއި ޖޭކޮބް ފަރންލީ އާއި ނުލާ ކުޅެ ލިބުނު ކާމިޔާބީ އެޓީމުން ފާހަގަ ކުރިއެވެ.

ބޮލޯނިއާގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 24 އިން 29 އަށް ކުޅުމަށް ހަމަޖެހިފައިވާ ޑޭވިސް ކަޕްގެ ފައިނަލްސް ނުވަތަ ގަދަ އަށް ޓީމުގެ ކުރިމަތިލުމަށް ކޮލިފައިވެފައިވާ އެހެން ޓީމުތަކަށް ބަލާލާއިރު މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން އިޓަލީވިލާތް ވަނީ އޮޓަމެޓިކުން ކޮލިފައިވެފައެވެ. މިފަހަރުގެ ނައިނަލުގައި އެންމެ ގިނަ ފަހަރު ޑޭވިސް ކަޕް ކާމިޔާބު ކުރި އެމެރިކާ ކޮލިފައި ނުވެއެވެ.

އެމެރިކާވަނީ ކޮލިފައިންގައި ޗެކިއާ އާއި ބައްދަލުކޮށް 3 މެޗު 2 މެޗުން ބަލިވެފައެވެ. މިކޮލިފައިންގެ ޑަބަލްސް މެޗު އެމެރިކާގެ ކްރިސްޓިއަން ހެރިސަން އާއި އޮސްޓިން ކްރައިޗެކް ކާމިޔާބު ކޮށް އެމެރިކާއަށް 2 މެޗު އެއް މެޗުގެ ލީޑެއް ނަގައިދިން ނަމަވެސް ޔޫއެސް އޯޕަންގެ ފައިނަލްގައި މިފަހަރު ވާދަކުރި ބެން ޝެލްޓަން އާއި ޖާކޫބް މެންސިކް ބައްދަލުކުރި މެޗުން ޝެލްޓަން ބަލިވުމުގެއިތުރުން ޔީރީ ލެހެޗްކާ އާއި ލާނަރ ޓިއެން ބައްދަލުކުރި ސިންގަލްސް ފަހު މެޗު ލެހެޗްކާ ކާމިޔާބު ކުރުމާއެކު މިކޮލިފައިންގައި ޗެކިއާއަށް ކުރި ލިބިގެންދިޔައީއެވެ.

އެހެން ޤައުމުތަކަށް ބަލާލާއިރު ދެކުނު ކޮރެއާއިން އިންޑިއާ 3 މެޗު އެއް މެޗުން ބަލިކޮށްފައިވާއިރު އޮސްޓްރިއާވަނީ ބެލްޖިއަމް ބަލިކޮށް ޖަގައެއް ކަށަވަރު ކޮށްފައެވެ. 2022 ވަނަ އަހަރުގެ ޗެމްޕިއަން ކެނެޑާއިން ވަނީ ފަރަންސޭސިވިލާތާއި ދެކޮޅަށް ކުޅުނު ކޮލިފައިން 3 މެޗު އެއް މެޗުން ކާމިޔާބު ކޮށްފައެވެ. އަދި އެލެގްޒެންޑަރ ޒުވަރޭވްގެ މޮޅު ކުޅުމާއެކު ޖަރުމަނުވިލާތުން ކްރޮއޭޝިއާ ބަލިކުރިއިރު ކާލޯސް އަލްކަރާޒާއި ނުލައި ކުޅެ ސްޕެއިންވެސް ވަނީ ޖާގައެއް ކަށަވަރު ކޮށްފައެވެ.