ފްރެންޗް ލީގު އާން ގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އާއި އޮލިމްޕިކް މާސޭ ބައްދަލުކުރި މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފިއެވެ.
މާސޭގެ ސީޕެކް ވެލެޑްރޯމްގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. މިއީ މިސީޒަންގައި ޕީއެސްޖީއަށް ލީގުގައި ކާމިޔާބު ކުރެވުނު ދެ ވަނަ މެޗެވެ. އަދި މިއީ މާސޭ މިސީޒަންގައި ބަލިވި 4 ވަނަ މެޗެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއިންނެވެ. ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިޒާރޭ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޯރޭޒްއެވެ. މިއީ އޭނާ މިސީޒަންގައި ޕީއެސްޖީއަށް ބަދަލުވިފަހުން މިހާތަނަށް ކުޅުނު 6 މެޗުގައި ކާމިޔާބު ކުރި 7 ވަނަ ލަނޑެވެ.
މިމެޗުގައި މާސޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެންޖެލް ގޯމޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ޕީއެސްޖީއިންވަނީ ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ. މިމެޗުގައި މާސޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރުކަމެއް އައީ މެޗުގެ 77 ވަނަ މިނެޓުގައި އެޓީމުގެ ޓިމޮތީ ވެއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
މިނަތީޖާ އާއެކު ޖެހިޖެހިގެން ވޭތުވެދިޔަ 5 ސީޒަންގައި ލީގު ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ އޮތީ 5 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި އެއްވަނައިގައި މިވަގުތު އޮތް އޭއެސް މޮނާކޯ އާއި ދެމެދު 5 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ. އަދި މާސޭ އުޅެނީ 5 މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އޮޒެއަރ އާއި ބްރެސްޓް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 ލަނޑުން އޮޒެއަރ ކާމިޔާބު ކުރިއިރު ނީސް އާއި ލިލް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނީސްއެވެ.