ޚަބަރު

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހޮޓްލައިން "1456" ތަޢާރަފުކޮށްފި


  • ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ގުޅޭނެ

  • ރާއްޖޭގެ އާބާދީގެ %20 މީހުންނަކީ ނަފްސާނީ ބައްޔެއްގެ އަލާމާތްތައް ހުރި މީހުން

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެކި ކަހަލަ ނަފްސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "1456" އިފްތިތާޙުކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ތަޢާރަފުކުރި މި ހިލޭ ގުޅޭ ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި، ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތުގެ އިތުރުން ނަފްސާނީ ޞިއްޙަތުގެ އެހީތެރިކަމާއި، ނަފްސާނީ ކުއްލި އެހީތެރިކަން އަދި ޞިއްޙީ ސްކްރީނިންގ ޚިދުމަތްތައް ލިބިގެންދާނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު 1456 އަށް ގުޅައިގެން ހިލޭ ހޯދޭނެއެވެ.

ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނަފްސާނީ ޚިދުމަތްތައް ހޯދާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2022 ވަނަ އަހަރު ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގެ އާބާދީގެ %20 ނުވަތަ ކޮންމެ 5 މީހަކުން 1 މީހަކީ ނަފްސާނީ ބަލިމަޑުކަމެއްގެ އަލާމާތްތައް ތަހައްމަލުކުރާ މީހެކެވެ.


ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، އެކި ކަހަލަ ނަފްސާނީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި "1456" ތައާރަފްކޮށްފައިވާއިރު ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ ހޮސްޕިޓަލްތަކުންވެސް ނަފްސާނީ ބަލިތަކަށް އެހީތެރިކަން މިހާރު ފޯރުކޮށްދޭނެއެވެ.

އެކި ކަހަލަ ތެރަޕީ އަދި ކައުންސެލިންގ ޚިދުމަތްތަކަށް އެދި ހޮސްޕިޓަލްތަކަށާއި އެހެނިހެން މަރުކަޒުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އެންޒައިޓީ، ޑިޕްރެޝަން އަދި ދިރިއުޅުމުގެ އެކި ފިއްތުންތަކާ ގުޅިގެން އެހީއަށް އެދޭ ޒުވާނުންގެ މައްސަލަތަކެވެ. މީގެ ކުރިން ހެދިފައިވާ ދިރާސާތަކުންނާއި ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ނަފްސާނީ އެހީތެރިކަން ހޯދާ މީހުންގެ ގާތްގަނޑަކަށް 60 އިންސައްތައަށްވުރެ ގިނައީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ޒުނާނުންނަށް ޚާއްޞަ މިފަދަ ހޮޓްލައިނެއް ތަޢާރަފުކުރުމަކީ، ނަފްސާނީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، ސިއްރުހިފެހެއްޓޭ ގޮތަށް ފަސޭހަކަމާއެކު ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.