ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ޕޯޗުގަލް ސްކޮޑުގައި ހިމަނައިފިއެވެ.
މިދިޔ ޖުލައި މަހު ނިމުނު ވޯލްޑް ކަޕަކީ އޭނާގެ ބޮޑު ފަހު މުބާރާތް ކަމަށް ބެލެވިފައިވުމުން ގައުމީ ޓީމުން ދެން ރޮނާލްޑޯ ފެނިދާނެ ކަމާމެދު ގިނަ ބަޔަކު ތިބީ ޖަވާބެއް ނުލިބިފައެވެ.
ނަމަވެސް އައު ކޯޗު ޖޯޖް ޖެސޫސް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން ރޮނާލްޑޯ އަށް ޖާގަ ދިނުމަށްފަހު އޭނާ ބުނީ ޓީމުގެ ކެޕްޓަނަކީ އަދިވެސް އެންމެ މުހިންމު މީހާ ކަމަށެވެ.
"އޭނާގެ ޕާފޯމަންސް އެންމެ މުހިންމު އެއްޗަކީ. މާޒީ އަކަށް ނުބަލަން. އޭނާ އަދިވެސް ހުރީ އެންމެ މަތީ ފޯމުގައި. އެއީ ޓީމަށް ނެގި ސަބަބަކީ،" ސްކޮޑް އިއުލާނު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ޕޯޗުގަލް ޓީމުގައި އޭނާއާއެކު ކުރިން މަސައްކަތް ކުރި 13 ކުޅުންތެރިއަކު އެބަތިބި ކަމަށާއި މިހެންވެ މުޅި ޓީމަށް މާބޮޑު ބަދަލުތަކެއް ގެންނަން ނުޖެހުނު ކަމަށެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭގެ ތެރެއިން އެކަކު. އޭނާ ކުލަބުގައި މޮޅަށް ކުޅޭނަމަ ގައުމީ ޓީމުގައި އަދިވެސް ކުޅޭނެ. އެހެންނޫނީ އޭނާ ނުކުޅޭނެ. އޭނާ އަކީ ތަފާތު ކުޅުންތެރިއެއް. އޭނާގެ އަތުގައި ފަސް ބަލޮންޑޯ އެބައޮތް. އެކަމަކު މިއީ އަހަރެން އޭނާ ނަގަންޖެހޭ ސަބަބެއް ނޫން. ހަމަމިއާއެކު ބުނަން ޖެހޭނީ އޭނާ އަކީ ތަފާތު ކުޅުންތެރިއެކޭ،" ޖެސޫސް ބުންޏެވެ.
ރޮނާލްޑޯ މިހާރު ކުޅެމުންދާ ސައޫދީ އަރަބިއާގެ އައް ނަސްރުގެ ކުރީގެ ކޯޗު ޖެސޫސް ޕޯޗުގަލްގެ ކޯޗަކަށް ހަމަޖެއްސީ ވޯލްޑް ކަޕުގެ ނާކާމިޔާބީ އަށް ފަހު މިދިޔަ ޖުލައި މަހު ރޮބާޓޯ މާޓިޏޭޒް އިސްތިއުފާ ދިނުމުންނެވެ.
ޖެސޫސްގެ ކޯޗުކަމުގައި ޕޯޗުގަލް އެންމެ ފުރަތަމަ ނުކުންނާނީ މި މަހުގެ 24ގައި ވޭލްސްއާ ދެކޮޅަށެވެ. އޭގެ ފަހުން ޑެންމާކާ ދެކޮޅަށް އެއް މެޗު އަދި ނޯވޭއާ ދެކޮޅަށް ދެ މެޗު ކުޅޭނެއެވެ.