މުބާރާތްތަކުގައި ވާދަކުރާއިރު، ކުޅުންތެރިންނަށް ހެދޭ ގޯސްތައް ނޯޓްކުރުމަކީ ކުރިއަށް އޮންނަ މުބާރާތްތަކަށް ތައްޔާރުވުމަށް ކުރެވިދާނެ މުހިއްމު ކަމެއްކަމަށް ޤައުމީ ޓެނިސް ޓީމުގެ ތަޖުރިބާކާރު ކޯޗު ޢަލީ ރިޒާ ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޤައުމީ ކޯޗު ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރާމެދު ހިތްހަމަޖެހޭކަމަށެވެ. އަދި އެތުލީޓުންގެ ތަރައްޤީއަށްޓަކައި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް އިތުރުކޮށްދޭންޖެހޭކަން ކޯޗު ފާހަގަކުރިއެވެ. އެގޮތުން ދާދިފަހުން ރާއްޖެއިން ހޯސްޓްކުރި އައިޓީއެފް ޖޭ 30 ފަދަ މުބާރާތްތައް އިތުރުކޮށް، ރާއްޖޭގެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ބޭނުންވާކަން ކޯޗު ފާހަގަކުރިއެވެ.
އޫއެސްއޭ، ކެނެޑާ، ޗައިނާ އަދި ރަޝިއާ ފަދަ ވަރުގަދަ ޤައުމުތަކުން އެތުލީޓުން ވާދަކުރި، އައިޓީއެފް ޖޭ 30 މުބާރާތަށް އިޝާރާތްކޮށް ކޯޗު ވަނީ އެފަދަ ފުރުސަތެއް ރާއްޖޭގެ ފަސްގަނޑުން ދިވެހި ކުޅުންތެރިންނަށް ހޯދައިދިނީތީ ޓެނިސް އެސޯސިއޭޝަނަށް ޝުކުރުއަދާކޮށްފައެވެ. ކޯޗު ބުނީ އެފަދަ މުބާރާތްތަކަކީ ގިނަގުނަ ކަންތައްތަކެއް ދަސްވާ މުބާރާތްތަކެއްކަމަށެވެ. އެގޮތުން ކޮންމެ މެޗަކުންވެސް އައު ކަންތައްތަކެއް ދަސްވާނެކަމަށާ، އެފަދަ ކޮންމެކަމެއް ހަނދާނުގައި ބެހެއްޓުމަށްޓަކައި ވީހާވެސް އަވަހަކަށް ނޯޓްކުރުމަށް ކޯޗު އިރުޝާދުދޭކަމަށެވެ.
"މުބާރާތްތަކުން ދަސްވާ ކަންކަން ވީހާވެސް އަވަހަކަށް ނޯޓްކުރަންވީ. އޭރުން ދެވަނަ ފަހަރަށް މެޗަށް އަރާއިރު އެކަންކަން ހަނދާނުގައި ހުންނާނެ. އާންމުގޮތެއްގައި އެއްމުބާރާތާ އަނެއް މުބާރާތާ ދެމެދު ދުވަސްކޮޅެއް އެބަ ލިބޭ. އެހެންވީމަވާގޮތަކީ ކުދިންގެ ހަނދާނުން އެކަންކަން ކައްސާލައިގެން ދާގޮތްވަނީ. ޒުވާން އެތުލީޓުންނަކީ އެތައްކަމެއް ބޮލަށް ލައިގެން އުޅޭ ބައެއް. އެހެންވީމަ ކޯޗުގެ ނަސޭހަތަކީ މުބާރާތްތަކުން ދަސްވާ ކަންކަން ނޯޓްކޮށްލުން" ޤައުމީ ޓެނިސް ކޯޗް ބުންޏެވެ.
ކޯޗު އިތުރަށް އެދިފައިވަނީ ދުރާލާ މުބާރާތްތަކަށް ތައްޔާރުވުމަށެވެ. ހެދޭ ގޯސްތައް ދެނެގަނެ، ހިތްވަރާއެކު މަސައްކަތްކުރުމަށް ކުޅުންތެރިންނަށް ކޯޗު އިރުޝާދުދީފައިވާއިރު، ރާއްޖޭގެ ޒުވާން ކުޅުންތެރިން ހޯދަމުން އަންނަ ކާމިޔާބީތަކާމެދު ފަޚުރުވެރިވާކަމަށާ އުންމީދަކީ ކުރިއަށް އޮތްތަނުގައި ޒުވާން ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހިވުންކަމަށް ކޯޗު ބުނެފަވެއެވެ.