ޚަބަރު

މާޒިޔާ ބަލިކުރުން: އެނބުރި އައިސް ނިއުއަށް ހާސިލްނުވެ އޮތް ކާމިޔާބީ


  • ސަސްޕެންޝަނުން ސަލާމަތްވެ ނިއު ފުރަތަމަ ޑިވިޝަނަށް އައީ މިދިޔަ ސީޒަނުގައި

  • ހަ މެޗުގެ ތެރެއިން ދެ މެޗުގައި ނިއުއިން މާޒިޔާއާ އެއްވަރުކުރި

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ޝައްކެއްވެސް ނެތް ގޮތުގައި ދިވެހި ފުޓުބޯޅައިގެ އެންމެ ރަން މާޒީއަކާއި، ފޮނި ކާމިޔާބީތަކެއް އެޓީމަކަށް ލިބިފައިވާ ކުލަބެވެ.

ސަޕޯޓަރުންގެ ވަފާތެރިކަމާއި، ބައިނަލްއަގްވާމީ ކުލަބު ފުޓުބޯޅައަށް ބެލި ނަމަވެސް، ނިއުއިން ހޯދާފައިވާ ކާމިޔާބީތަކާއި އެޓީމަށް ލިބިފައިވާ ޙާއްސަކަން، ދިވެހި އެހެން ޓީމަކަށް ލިބިފައެއް ނުވެއެވެ.

ނިއުގެ ކާމިޔާބީގެ ދިގު ދަތުރުގައި އެޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކުޅުންތެރިންނަށް މުސާރަ ނުދެވި، 2019 ވަނަ އަހަރުގެ ތެރޭގައި ކުރިމަތިވި ސަސްޕެންޝަނާއި އެޅި ފިޔަވަޅުތަކެވެ. މިއާއެކު ޒަމާންތަކެއް ވަންދެން ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ދުރުގައި ނިއުރޭޑިއަންޓް އޮންނަން ޖެހުނުއިރު އެނބުރި ފުރަތަމަ ޑިވިޝަނަށް އާދެވުނީ 2025/2026 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނަށެވެ.

ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ނިއުއިން އައީ ތަފާތު ދައްކަމުންނެވެ. މިދިޔަ ސީޒަނުގެ ދިވެހި ލީގު ނިންމާލީ ލީގުގެ ތިންވަނައިގެ ގޮތުގައެވެ. އެ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ވެސް ކުޅުނެވެ. އަދި އެކުލަބަށް ޙާއްސަ މުބާރާތެއްގެ ގޮތުގައި ނިސްބަތްކުރާ އެފްއޭ ކަޕުގެ ޗެމްޕިއަންކަން ވެސް، މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ވަނީ ހޯދާފައެވެ.

މި ސީޒަނުގައި އަދި ޓްރޮފީއެއް ނުވަތަ ޝީލްޑެއް ހޯދަން ދެ ފުރުސަތެއް ނިއުއިން ހޯދިއެވެ. އެހެންނަމަވެސް، މި ދެ ފުރުސަތަށް ވެސް ހުރަސް އެޅީ، ހަތް އަހަރަށްފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައި ފަހުން ނިއުގެ ފުޓުބޯޅަ ކާމިޔާބީއަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިކުރުވާ، ދިވެހި ފުޓުބޯޅައިގައި ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެންމެ ނުފޫޒުގަދަ، އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

މިދިޔަ ސީޒަނުގައި ނިއުއިން ފުރަތަމަ ޑިވިޝަނަށް އެނބުރި އައިއިރު، ދިވެހި ލީގުގައި ދެ ފަހަރެއްގެ މަތިން މާޒިޔާއާ ދެކޮޅަށް ކުޅުނެވެ. ފުރަތަމަ މެޗުގައި ނިއުގެ މައްޗަށް 1-2 އިން މާޒިޔާއިން ކުރިހޯދިއިރު ލީގުގެ ދެވަނަ ބުރުގައި ނިއުއިން ވަނީ މާޒިޔާއާ 2-2 އިން އެއްވަރުކޮށްފައެވެ.

އެފަހުން ނިއުއިން މާޒިޔާއާ ދެކޮޅަށް ނުކުތީ ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައެވެ. އެ މެޗުގައި މާޒިޔާ އަތުން ނިއު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އެއަށްފަހު މި ސީޒަނުގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލުކޮށްފިއެވެ. ފުރަތަމަ ކުޅުނީ ޗެރިޓީ ޝީލްޑް މެޗުގައެވެ. އެ މެޗުގައި ވެސް ނިއުއަށް ނާކާމިޔާބީއާ ކުރިމަތިވީ ޕެނަލްޓީ ޖަހައިގެންނެވެ.

އެފަހުން ނިއުއާއި މާޒިޔާ ބައްދަލުކުރީ، 18 އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ކުޅުނު ކަޕް ވިނާސް ކަޕުގައެވެ. އެ މުބާރާތުގައި ދެ ފަހަރެއްގެ މަތިން މި ދެޓީމު ކުރިމަތިލިއެވެ. އެއީ ލީގު ބުރުގައި އާއި މުބާރާތުގެ ފައިނަލް މެޗުގައެވެ. ލީގު ބުރުގައި ކުޅުނު މެޗުވީ އެއްވަރެވެ. އަދި ފައިނަލް މެޗުގައި ނިއުގެ މައްޗަށް މާޒިޔާއިން އަނެއްކާވެސް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.

ނިއުގެ އެނބުރި އައުމުގައި ޖެހިފައިވާ "ކަޅު ލައްގަނޑެއް"ގެ ގޮތުގައި އޮތް މާޒިޔާ އަތުން މޮޅެއް ނުހޯދޭ ނުހޯދުމަށް ނިމުން ގެންނަން އެ ކުލަބުން ބޭނުންވާނެއެވެ. އެ ފުރުސަތު މިއަދު އެޓީމަށް އެބައޮތެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ހަތަރުވަނަ ފަހަރަށް މާޒިޔާއާއި ނިއު މިވަނީ ކުރިމަތިލާން ތައްޔާރުވެފައެވެ. މިފަހަރު ދިވެހި ލީގުގައެވެ.

ވާދަވެރިކަން ބޮޑުވެފައިވާ މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދާ މި މެޗު ފަށާނީ މިރޭ 21:00ގައެވެ.