މި މަހު ޖަޕާނުގައި ފަށާ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ސާފިން ޓީމު ޖަޕާނަށް ފުރައިފިއެވެ.
ސާފިން އަކީ އޭޝިއަން ގޭމްސްގެ ކޮލިފައިންގައި ވާދަކޮށް ރާއްޖެއިން ގޭމްސްއަށް ކޮލިފައިވި ހަމައެކަނި ޓީމެވެ. އެގޮތުން މި ފަހަރުގެ ގޭމްސްގައި ސާފިން ޓީމުގެ ހަތަރު އެތުލީޓުން ވާދަކުރާނެއެވެ. އެއީ އަންހެން ދެ އެތުލީޓުންނާ ފިރިހެން ދެ އެތުލީޓުންނެވެ.
އޭޝިއަން ގޭމްސްއަށް ރާއްޖެ ކޮލިފައިވީ، ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނާއި، އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކޮށްގެންނެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަކީ ކަޔާން އަބްދުﷲ އަރީފް، ޔަސިން އަހުމަދު ނާޝިދު، އާމިނަތު ތަނީސް ޝިރަން އަދި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ.
ކޮލިފައިންގައި ލިބުނު ޖާގަތަކަށް އެތުލީޓުން ހޮވުމަށް އެމްއެސްއޭއިން ވަނީ ހާއްސަ ޓްރައިލް ތަކެއް ކުރިއަށްގެންގޮސްފައެވެ.
މީގެ ކުރިން ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސަބާހް (ޗޭ) ވިދާޅުވީ، ގައުމީ ސާފިން ޓީމުން ވަރަށް ރަނގަޅަށް މުބާރާތައް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ސާފިން ގައުމީ ޓީމު އެކުލަވާލުމަށް ލަންކާގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލަންކާގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ލަންކާއަކީ ބީޗް ބްރޭކް ރާޅު ނަގާ ގައުމަކަށްވުމުން ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދާ ޖަޕާނަކީ ވެސް ބީޗް ބްރޭކް ރާޅު ނަގާ ގައުމެކެވެ. އެއާ ހިލާފަށް ރާއްޖެއަކީ ރީފް ބްރޭކް ރާޅު ނަގާ ގައުމެކެވެ.
ސަބާހް ވިދާޅުވީ، ލަންކާ ޓްރެއިނިންގ ކޭމްޕްގައި ބޮޑަށް ވިސްނީ ރާޅުގެ ކޮންޑިޝަނަށް ކަމަށެވެ. އެގޮތުން ގޯސް ކޮންޑިޝަންގައި އެތުލީޓުން ފަރިތަކުރުންތައް ގެންދިޔުމަށް ސަމާލުކަން ދިން ކަމަށް ސަބާހް ވިދާޅުވިއެވެ.
ސަބާހް އިތުރަށް ވިދާޅުވީ ގައުމީ ސާފިން ޓީމުގައި މި ފަހަރު ހިމެނޭނީ ޒުވާން އެތުލީޓުންތަކެއް ކަމަށެވެ. އެކަމަކު އެ އެތުލީޓުންނަކީ ޖޫނިއާސް ނޫން ކަމަށާއި، އެއީ ސީނިއާ މެންސްއާ ވާދަކޮށް ކާމިޔާބު ހޯދައިފައިވާ އެތުލީޓުންކަން ސަބާހް ފާހަގަކުރިއެވެ.
މީގެ އިތުރުން ސަބާހް ވަނީ ޖަޕާން ކޭމްޕަކީ މުބާރާތް ބާއްވާ ގައުމުގެ މާހައުލަށް ރާއްޖޭގެ އެތުލީޓުން ފަރިތަކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ.