ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާރީޚުގައި މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ ރެކްރިއޭޝަން ކުލަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުމެ ސަޕޯޓަރުންނާ ކުޅުންތެރިންނަށް ދިނީ އުންމީދެއް ކަމަށް ގައްދޫގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.
ގައްދޫގައި ކުޅުނު މި މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގައްދޫ ޓީމުގެ ފަރާތުން ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނު ކަމަށް ނަޒީހު ފާހަގަކުރިއެވެ.
މި މެޗަށް ނުކުތުމުގެ ކުރިންވެސް ނަޒީހު ވަނީ ސަޕޯޓަރުން މާޔޫސްވާނެ ނަތީޖާއެއް މި މެޗުން ނުފެންނާނެ ކަމަށް ބުނެފައެވެ. އެގޮތުން ނިއުރޭޑިއަންޓަކީ މި ފަހަރުގެ ލީގަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމުކަމަށާއި، އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގައި ގައްދޫއިން ކުޅޭނީ ވިސްނުންތެރިކަމާއެކުގައި ކަމަށް ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ނިއުރޭޑިއަންޓް މެޗުގެ ނަތީޖާއަކީ ކުޅުންތެރިންނާ ސަޕޯޓަރުންނަށް ލިބުނު އުންމީދެއް ކަމަށެވެ. އަދި މިއީ ލީގުގައި ދެން ހުރި މެޗުތަކަށް ނުކުންނައިރު، ގައްދޫގެ ކުޅުންތެރިން އިތުރަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއްކަން ނަޒީހު ފާހަގަކުރިއެވެ.
"އިއްޔެވެސް ފާހަގަކުރިން މާޔޫސްނުވާވަރުގެ ނަތީޖާއެކޭ. އެއީ ވަރަށް ބައިވަރު ގޯލު ޖަހައިފިއްޔާމުން އެއްކަލަ މި މީހުން (ކުޅުންތެރިން)ގެ މައިންޑް ސެޓުވެސް ބަދަލުވާނެ. އެކަމު މިހާރު ހަމަޔަގީނުންވެސް ނިއުރޭޑިއަންޓާއެކު 2-0 ވީމަ ކުޅުންތެރިންނަށް އުންމީދު އޮންނާނެ ދެން ހުރި މެޗުތަކުގައި ރަނގަޅު ރިޒަލްޓެއް ނެރެން" ނަޒީހު ފާހަގަކުރިއެވެ.
ނަޒީހު ބުނީ ނިއުރޭޑިއަންޓް މެޗުގައި ގައްދޫއިން ފެނުނީ ޕްރިމިއާ ލީގުގައި ކުޅެވޭނެ ސްކޮޑް ކަމަށެވެ. އަދި ގަވައިދުން ފަރިތަކުރުންތަކުގައި ބައިވެރިވި ހުރިހާ ކުޅުންތެރިން ނިއު މެޗުގައި ބޭނުންކުރި ކަމަށް ނަޒީހު ފާހަގަކުރިއެވެ.
ނަޒީހު ބުނީ މި ފަހަރުގެ ލީގުގައި ގައްދޫގެ ހަމައެކަނި އަމާޒަކީ ރެލިގޭޝަނުން ސަލާމަތްވެ ލީގުގައި އޮތުން ކަމަށެވެ.