މިސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތެވެ. އިސްރާއީލު ފިޔަވައި ކޮންމެ ޤައުމަކަށްވެސް ހަމަހަމަ ފުރުސަތު ދީގެން އެޤައުމުތަކާ ގުޅުން ބަދަހިކުރަނީ ރާއްޖެއާއި ދިވެހީންނަށް އެންމެ ފައިދާ ހުންނާނެ ގޮތަށެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ގުޅުން ހީނަރުވެފައިވާ ޤައުމުތަކާއެކު އަލުން ގުޅުންތައް އައުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު މިހާރުވެސް ގާތް ގުޅުންތައް އޮންނަ ޤައުމުތަކާއެކު އެގުޅުންތައް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ އެއްކަމަކީ އިޤްތިޞާދީ ގުޅުންތަކާއި ތަޢުލީމާއި އެހެނިހެން ދާއިރާތަކުން ގުޅުންތައް ވަރުގަދަ ކުރުމަށް އެކުލަވާލާ އެއްބަސްވުންތަކާއި ޤައުމުތަކުގެ ރައީސުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގަންނަވާ ފުރުޞަތުތަކުންނެވެ. ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ވަރުގަދަ ވެގެން ދިޔައީ އެޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ކުރެއްވި ދަތުރުފުޅާއެކުގައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު އަންވަރު އިބްރާހިމާއި މެލޭޝިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތައް ހޯދަމުންދާ ދަނޑިވަޅުގައި، ދިގުމުއްދަތަކަށް މިގުޅުން ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އަދި ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސަވައިދެއްވާފައިވާ ލުއިފަސޭހަކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، އަރޓިފިޝަލް އިންޓެލިޖަންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ، ދެ ޤައުމަށްވެސް ކުރާނެކަން ފާހަގަކުރައްވައި، މިރޮނގުން އިތުރު ގުޅުންތައް ހަރުދަނާ ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މިމަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އެދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިމަޝްވަރާތަކުގެ އިތުރުން ދެ ޤައުމުގެ ދެމެދު ވަނީ 4 ދާއިރާއަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއް ބަދަލުކޮށްފައެވެ. ޞިއްހީ، ކުޅިވަރު، ތަޢުލީމުގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތައް އެކުލަވާލިއެވެ. މިއެއްބަސްވުންތައް އެކުލަވާލުމަށްފަހު ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މަތީގައިކަމަށް ވިދާޅުވެފައެވެ.
އިޤްތިޞާދީގޮތުން ގުޅުންބަދަހިކުރުމަށް ކުރެވިދާނޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ވުނަކުރުމަށް ހުރި ފުރުޞަތުތަކަށް އިޝާރާތްކުރައްވާފައެވެ. އިޤްތިޞާދީ ޚާއްޞަ ސަރަޙައްދުގައާއި ވިޔަފާރީގެ ދާއިރާގައާއި މާލީ ދާއިރާގައާއި ކަނޑުތަކުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ ބޭނުންހިފުމަށް މެލޭޝިޔާގެ ވުނޭރުންނަށް ދަޢުވަތު ދެއްވައި، މިފަދަ ފުރުޞަތުތައް މެދުވެރިކޮށް، ދެޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މެލޭޝިއާ ދަތުރުފުޅުގައި ރާއްޖެ-މެލޭޝިއާ އިންވެސްޓްމެންޓް ފޯރަމްވެސް ވަނީ ބާއްވާފައެވެ. މިފޯރަމުގައިވެސް ދެ ޤައުމުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތައް މެލޭޝިއާގެ އިންވެސްޓަރުންނަށް ކިޔައިދީ، މަޢުލޫމާތު ފޯރުކޮށްދިނެވެ. މިފޯރަމަށް މެލޭޝިޔާގެ ބޮޑުވަޒީރުވެސް ވަޑައިގަތެވެ. ފޯރަމްގައި ރައީސް ވަނީ ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ގޮވާލައްވާފައެވެ.
ރައީސްގެ މެލޭޝިއާ ދަތުރުފުޅުގައި އެ ޤައުމުގެ ބައެއް ވިޔަފާރިވެރިންވެސް ވަނީ އެމަނިކުފާނުގެ އަރިހަށް އިޚުތިރާމްގެ ޒިޔާރާތް ކުރައްވާފައެވެ. މެލޭޝިއާގެ ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ ކުރެއްވި ޒިޔާރަތުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއަށް ރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.
މީގެ އިތުރުން ބަރޖާޔާ ކޯޕަރޭޝަން ބަރހާދްގެ ފައުންޑަރ އަދި އެޑްވައިޒަރ، ވިންސެންޓް ޓަން ޗީ ޔިއޫޏް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގައި މެލޭޝިއާގެ އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި، އެފަދަ ފުރުޞަތުތަކަށް ރާއްޖެ އޮތީ ހުޅުވިފައިކަމަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. އަދި މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ހެއްދޭނެ ޚިދުމަތް ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާ، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ރަސްމީކޮށް ރައީސް އިފްތިތާޙުކޮށްދެއްވިއެވެ. އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފައެވެ. މި ދަތުރުފުޅުގައި މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވިއެވެ. އަދި މެލޭޝިއާގައި ހުންނަ "އައިކޮނިކް" ބިނާއެއްކަމަށްވާ ޓްވިން ޓަވަރަށްވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.
އެކި ޤައުމުތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުން ދޭހަވަނީ ބައިނަލްއަގުވާމީ މުޖުތަމަޢުގައި އަމިއްލަ އަޑު އިއްވަން ރާއްޖެއަށް ވަކި ޤައުމަކަށް ބަރޯސާވެފައިވާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ނުޖެހޭ ކަމެވެ. އަމިއްލަވަންތަކަމުގެ އުސޫލުތަކާއެކުވެސް މުޅި ދުނިޔޭގެ އިހުތިރާމު ލިބޭނެކަމެވެ.