ޚަބަރު

ނިއުކާސަލް ބަލިކޮށް ލީޑްސް ތިންވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ލީޑްސް މޮޅުވެ ތާވަލުގެ ތިންވަނަ މަގާމް ހޯދައިފިއެވެ.

ލީޑްސްގެ އީލޭންޑް ރޯޑްގައި ތިރީސް 36 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ލީޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 8 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް އިންވަނީ 3 ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ 32 ވަނަ މިނިޓުގައި ނިއުކާސަލްގެ ލެވިސް މިލޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ލީޑްސް އިން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި ޖޭޑަން ބޮގްލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޑޮމިނިކް ކެލްވަޓް ލެވިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ލީޑްސް އިން ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ނޯއާ އޮކަފޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނިއުކާސަލް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 90 ވަނަ މިނިޓުގައި ބަޒޫމާނާ ޓޯރޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ލީޑްސް ޔުނައިޓެޑް އިން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 2 މެޗު އެއްވަރުކޮށްފައެވެ. ނިއުކާސަލް ޔުނައިޓެޑް ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު ދެ މެޗު އެއްވަރުވެ އެއް މެޗުންވަނީ ބަލިވެފައެވެ.