ޚަބަރު

"ބުރިޖުގައި ސްޓްރަކްޗަރަލް ގެއްލުމެއް ނެތް، ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް"


  • ބޭރުފުށުން ލިބުނު ކުދިކުދި ގެއްލުން މަރާމާތުކުރާނެ

  • ބޮޑެތި ބޯޓުތައް ކަފުޖަހަން 2 ބާޖު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން ސިނަމާލެ ބުރިޖަށް އެއްވެސް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައި ނުވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒިރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިޔަ، ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިން ބުރިޖުގެ ދެ އިންސްޕެކްޝަނެއް ރެއާއި މިއަދު ހެނދުނު ކުރިއަށްގެންގޮސްފަވާކަމަށެވެ.

މި އިންސްޕެކްޝަނަކީ، މާލެ އިރުމަތީ ފަރާތުން ދެ އުޅަނދު އޮޔާގޮސް ބުރިޖުގައި ޖެހުމާއި ގުޅިގެން، ބުރިޖަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނެކެވެ.

މިކަމުގައި ބެލިބެލުމުން، ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ޔަޤީންކުރެވިފައިވާކަމަށް ވަޒީރު ޑރ. މުއްތަލިބް ވިދާޅުވިއެވެ. ނަމަވެސް ތަނބުތަކުގެ ބޭރުފުށުގައި ކުދި ގެއްލުންތައް ނުވަތަ "ސަރފެސް ސްކްރެޗް" ހުރިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ތަންތަން މަރާމާރުކުރުމުގެ މަސައްކަތް، ކޮންޓްރެކްޓަރ ސީއެޗްއީސީ ކުންފުނިން ކުރިއަށްގެންދާނެއެވެ.

އެގޮތުން މި މަސައްކަތްވެސް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އިންޖިނިއަރިންގ މިންގަނޑުތަކަށް، ވަރަށް ރަނގަޅަށް މޮނިޓަރކޮށް އިންސްޕެކްޓް ކުރެވިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަރާތުތައް ކުރިއަށް ގެންދާނީ ޗައިނާގެ ގްރާންޓް އެހީގެ ދަށުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގައި ދެ ބުރިޖުގެ ޚިދުމަތް ތަރައްޤީކުރެވިފަވާއިރު، މިފަދަ ހާދިސާތަކުގައި އެ މުހިންމު އަދި ނާޒުކު ބިނާރުތަކަށް ގެއްލުންވުމުގެ ފުރުޞަތު އޮތްކަމަށެވެ. މިކަން ވާނީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ބޮޑު އަސަރެއްކޮށް މުޅި ސަރަޙައްދަށް އޭގެ ގެއްލުންވާނެ ކަމެއްކަމަށެވެ. އެހެންކަމުން މިއީ ކުރިއާލާ ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ދެކި، މިހާރުވެސް އެކަމަށް މަސައްކަތްތަކެއް ފެށިފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިގޮތަށް އޮޔާދާ އުޅަނދުތައް ކަފުޖެހޭނެ ކެޕޭސިޓީގެ 2 ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއާއި ހަވާލުކޮށްގެން މިހާރުވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިފަދަ ބިނާރުތަކުގެ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ދެ އުޅަނދު ކުރިއަށް އޮތް ދެ މަސް ތެރޭގައި ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، އެފަދަ އުޅަނދުތައް އަޅާފައި ބެހެއްޓުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އަޅާނެ އެމަޖެންސީ ކޮމިއުނިކޭޝަން ނިޒާމެއް ކޯސްޓްގާޑާއި ކަމާގުޅޭ އިދާރާތަކާއެކު އެކުލަވާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.