ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ގއ.، ގދ. އަދި ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކި ވަރުގެ ގެއްލުންތައް ލިބި ދަނީ ރިޕޯޓް ކުރަމުންނެވެ. މިކަމުގެ އަދާހަމަ ހިއްސާކޮށްދެއްވާ އެންޑީއެމްއޭއިން ވިދާޅުވީ މިހާރު ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
ވާރޭވެހުމުގެ ފެންބޮޑުވެ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫސިޓީ ފޭދޫއަށެވެ. ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ގެއެއްގައި މީހުން ދިރިނޫޅެވޭ ހާލަތައް ގޮސްފައިވުމުން އެގޭގައި ދިރިއުޅެމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެއާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ފޭދޫގައި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާ އާދި އައްޑޫސިޓީ ކައުންސިލާއި ކަމާއި ގުޅޭ އެކި މުޢައްސާސާތަކުން ދަނީ ފެން ހިނދުމާއި ވެލި ބަސްތާ ޖެހުމުގައި ހަރަކާތްތެރިވަމުންނެވެ.
މި ވިއްސާރައާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް 100 އަށް ވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓް ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި ބައެއް ގެތަކުން ކަރަންޓުވެސް ކެނޑުނު ކަމަށް ސިޓީ ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.
އައްޑޫސިޓީއަށް ކުރި ވިއްސާރާއިގައި ފޭދޫ އަވަށަށް ގެއްލުން ވެފައިވާއިރު، މިއަދު މެނދުރު ފަހު 11:45 އިން 13:00 އާއި ހަމައަށް ފުވައްމުލައް އަދި އައްޑޫސިޓީ ހިމެނޭ ސަރަަހައްދަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ. އަދި މިވަގުތުވެސް މި އަތޮޅުތައް ހިމެނޭ ސަރަހައްދަށް މިއަދު 18:00 އާއި ހަމައަށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.
އެންޑީއެމްއޭއިން ވަނީ މިހާލަތު މޮނިޓަރ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.