ޚަބަރު

ބޯހިޔާވަހިކަން: ޢުމްރާނީ މަސައްކަތްތަކާއި މާލީ އެހީގެ ގިނަ ފުރުސަތުތަކެއް


  • ބޭންކަށް އިކުއިޓީ ދެއްކުމަށް ސަރުކާރުން އެހީވާނެ

  • އަތޮޅުތަކުގެ 36 ރަށެއްގެ މަސައްކަތް ވަނީ ހަވާލުކޮށްފައި

  • މާލެ ސަރަހައްދުގައި އެކި މަރުޚަލާގައި 13،000 ހައުސިން ޔުނިޓްގެ މަސައްކަތް

ބޯހިޔާވަހިކަމުގެ ދާއިރާއަކީ އިޖުތިމާޢީ ދާއިރާތަކުގެ ތެރެއިން، ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ ތެރެއިންވެސް ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދާއިރާއެވެ.

މި ދާއިރާ ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ތަފާތު އެކި ސްކީމްތަކަށް ހުޅުވާލާ އަންނަނީ ކުރިއަށްގެންދަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން، ދެން އެންމެ ބޮޑު އިސްކަމެއް ދެނީ ވަކިވަކި ފަރުދުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ.

އެގޮތުން ސަރުކާރުން ހުޅުވާލި ހިޔާވެހި ފައިނޭންޝަލް ސްކީމްގެ ފުރަތަމަ ބުރުގައި 838 މީހަކަށް 1.1 ބިލިޔަން ރުފިޔާ ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ އަމިއްލަ ބިން އޮވެ، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ޚާއްސަ ފުރުޞަތެކެވެ. ހިޔާވަހި ސްކީމްގެ ދެވަނަ ބުރަށް ހުޅުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުންވެސް މިފަދަ އިތުރު 2 ފައިނޭންސިން ސްކީމަށް މިއަހަރު ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ސްކީމުގައި ސަރުކާރުން އެހީތެރިކަންދޭނީ، އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުން އެމީހުން ބޭންކުތަކުން ލޯނަށް އެދޭއިރު، އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައެވެ. މިއީ، ލޯނު ނެގުމަށް ބޭންކަން ބޭނުންވާ އެންމެ މުހިންމު އެއް ޝަރުތެވެ.

މި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން ދޫކުރަން ނިންމާފައިވާ އިކުއިޓިއަކީ، އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޫކުރާ އިކުއިޓީއެއްކަމަށެވެ. މިއީ އާއިލީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ދޭ ވަރަށް މުހިންމު އެހީއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

"މިއަހަރު ފަހުކޮޅު އަޅުގަނޑުމެން ހުޅުވާލަނީ އިރާދަކުރެއްވިއްޔާ މާ ފުޅާ ސްކީމެއް، އިކުއިޓީ ފައިނޭންސް ލޯނު ސްކީމް. އެއީ އިކުއިޓީ ސަރުކާރުގެ މި ފަންޑުގެ ތެރެއިން ފޯރުކޮށްދިނުމުގެ ސްކީމެއް. އިކުއިޓީ ފައިނޭންސް މިދެނީ ކޮންމެ މީހަކަށް ވަކި އަދަދެއް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ 4 ބޭންކަކާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެކުރިން، ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީއަކީ %10 އެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތްތަކާއެކު މިހާރު ބީއެމްއެލް އިން ވަނީ އިކުއިޓީ %5 ކުޑަކޮށްފައެވެ.

ސަރުކާރުން ކުރިއަށްގެންދަން ފަށާފައިވާ، އެފޯޑަބަލް ހޯމް އޯނަޗީޕް މޮޑެލްގައި ގެދޮރު ގަތުމަށް އެހީވުމަށް، މާލީ އެހީދޭ ސްކީމެއް ހުލުވާލުމަށްވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން މި ދާއިރާއިން ކުރިއަށްގެންދާ ޢުމްރާނީ މަސައްކަތްތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި 13،000 ހައުސިން ޔުނިޓް އަދި އަތޮޅުތަކުގައި 8،588 ހައުސިން ޔުނިޓްގެ މަސައްކަތް އެކި މަރުޚާލާތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.

އަތޮޅުތަކުގައި 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް، މި ސަރުކާރުގައި މުޅިން އަލަށް ވަނީ ހަވާލުކޮށްފައެވެ. އެއީ 6،363 ހައުސިން ޔުނިޓެވެ.

ސަރުކާރުން ވަނީ އެންމެ ބޭނުންޖެހިފައިވާ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން އިޢުލާނުކޮށްފައެވެ. މަސައްކަތްތައް ކޮންޓްރެކްޓަރްކޮށް، ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މާލެ ސަރަޙައްދުގެ މަސައްކަތްތަކަށް ބަލާއިރު، ބީއެމްއެލްގެ އެހީގައި ކުރިއަށްގެންދާ 3،460 ހައުސިން ޔުނިޓްގެ މަސައްކަތް ވަނީ ފަށާފައެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި އަޅަން ނިންމާފައިވާ 4،000 ހައުސިން ޔުނިޓްގެ މަސައްކަތްވެސް މިއަހަރު ފަށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މާލެ ސަރަޙައްދުގައި އިތުރު 5000 ހައުސިން އެޅުމަށް ޕްލޭންކުރެވި، އޭގެ މަސައްކަތްތައްވެސް އެކި މަރުޚަލާފައި ދާކަން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ސަރުކާރުގެ ޢަމާޒަކީ މީގެތެރެއިން ގިނަ މަސައްކަތްތަކެއް ނިމި، މި ދަޢުރުގެ ތެރޭގައި އޭގެ ޙައްގުވެރިންނާ ހަވާލުކުރުމެވެ.

18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކީ ސަރުކާރުގެ ކޮންވެސް 1 ސްކީމަކުން، ބޯހިޔާވަހިކަން ކަށަވަރުވާ ރައްޔިތަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔަސަތެކެވެ.