ޚަބަރު

ނިއުގެ ޓާގެޓަކީ ހުރިހާ މެޗަކުން މޮޅުވުން: ކޯޗު


  • ސީޒަނުގެ މިހާތަނަށް ނިއު ބަލިވީ މާޒިޔާ އަތުން

  • މިދިޔަ ސީޒަނުގެ ލީގުގައި ނިއުއަށް ލިބުނީ 3ވަނަ

މި ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަމާޒަކީ، ކުޅޭ ހުރިހާ މެޗަކުން މޮޅުވުންކަމަށް އެޓީމުގެ ކޯޗު، ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.

ކޯޗު މިހެން ބުނީ ލީގުގައި މިއަދު ހަވީރު ގައްދޫއާ ދެކޮޅަށް، ގައްދޫ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އަންދްރޭ ބުނީ، މިއީ ލީގުގައި ނިއުއިން ކުޅޭ ފުރަތަމަ މެޗަށް ވުމުން، މި މެޗުން ތިން ޕޮއިންޓު ހޯދުމުގެ މުހިންމުކަން ބޮޑުކަމަށެވެ. އެހެންނަމަވެސް ގައްދޫ ޓީމާ ގުޅޭގޮތުން މާގިނަ މައުލޫމާތުތަކެއް ލިބިފައި ނެތުމުން، އެއީ "ގޮތްނޭނގޭ" ޓީމެއް ކަމަށާއި، މި މެޗު ގައްދޫގައި ކުޅޭތީ އެކަމުގެ ސަބަބުން ނިއުއަށް އުނދަގޫވާނެކަމަށް ކޯޗު ބުންޏެވެ.

އެހެންނަމަވެސް މި މެޗުން ވެސް، އަދި ސީޒަނުގައި ބާކީ އޮތް މެޗުތަކުން ވެސް މޮޅެއް ހޯދުމަކީ ނިއުގެ އަމާޒެއްކަން ކޯޗު އަންދްރޭ ފާހަގަކުރިއެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ވެސް މާލެއިން ބޭރުގައި، ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ލީގުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ކުޅުނު ކޮލިފިކޭޝަން ބުރުތަކަށްފަހު، އަތޮޅު ތެރެއިން ދެ ޓީމެއް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދާފައިވާއިރު އެ ދެ ޓީމަކީ ގައްދޫއާއި ދިއްދޫއެވެ.

މި ދެ ޓީމުގެ ހޯމް މެޗުތައް ކުޅޭނީ އެދެޓީމު ނިސްބަތްވާ ރަށުގައެވެ.

ހުރިހާ މެޗަކުން މޮޅުވުމަކީ ނިއުގެ އަމާޒުކަމަށް ކޯޗު އަންދްރޭ ބުނިއިރު ސީޒަނުގައި މިހާތަނަށް ނިއު ބަލިވެފައި ވަނީ ދެ މެޗަކުންނެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އެކަންޏެވެ. މާޒިޔާ އަތުން ނިއު ބަލިވީ މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕުގެ ފައިނަލް މެޗުގައެވެ.

ލީގުގައި ނިއުރޭޑިއަންޓާއި ގައްދޫ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 04:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.