ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޝާޢިއުކޮށްފިއެވެ. މި ޤާވައިދުގެ ދަށުން 8 އަހަރަށް ވުރެ ދިގުމުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ވަނީ ހިމަނާފައެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ފަޅުތަކާއި ރައްތަކުގެ ތެރެއިން، މަސައްކަތް ކުރިއަށް ނުގޮސް ދިއުލައިގޮސްފައިވާ ތަންތަނާމެދު ޢަމަލުކުރާނެ ގޮތުގެ އައު ގަވާއިދެއް މިހާރު ވަނީ އެކުލަވާލާފައެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މި ޤަވާއިދު އާންމުކުރިއިރު، މިފަދަ ބައެއް ރަށްތަކަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް އޮޕަރޭޝަނަށް ނުގެނެވި ހޭދަވެފައިވާ ރަށްތަކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ވެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން އެ ވުޒާރާއިން ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ މި ޤަވާއިދު ތަންފީޒު ކުރުމަށް އަލިއަޅުވާލައްވާފައެވެ.
"އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކޮށް، ފަޅު ރަށްރަށާއި ރައްތައް ނަންގަވައިގެން ދިގު މުއްދަތެއްގައި އެހެން ތިބުމަކީ ވަރަށް ރަނގަޅު ނޫން ކަމެއް. އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. މިއީ ވަރަށް ދިގުމުއްދަތެއްގެ ތެރޭގައި އަޅާ ނުލާ ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޑް ކުރަން ރިކުއެސްޓް ކުރެއްވީމަ އެފައިސާ ބާކީ އޮންނަ މުއްދަތުގައި ބަހާލައިގެން ގެންދިޔަ ގެންދިއުމުގެ ނަތީޖާ މިއީ. އަޅުގަނޑުމެން މި ފަށާ މަސައްކަތުން މީގެ ރިކަވަރީ ލިބޭނެ ކަމަށް ޤަބޫލުކުރަނީ " ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ހަމައެއާއެކު، ތަރައްޤީނުކޮށް ގިނަ ދުވަސް ވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ ޚާއްޞަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ވަޒީރު ވަނީ ޤަވާއިދުގެ ތެރެއިން މިފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާ ތަންތަން 4 ގިންތިއަކަށް ބަހައިގެން މައްސަލަ ހައްލުކުރެވޭނެ ގޮތަށް ޤަވާޢިދު އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ.
"ޤަވައިދުގެ ތެރެއިން އިތުރު އޮޕްޝަންތައް އިތުރަށް ޑިވެލޮޕްކުރަންވެސް އެބަދެން. މަސައްކަތް ފަށާފައި ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު އޮޕޮޗުނިޓީވެސް ދެން. އޭގެ އިތުރަށް، 4 ކެޓަގަރީއަކަށް ޤަވާއިދު ބަހާލާފައި އޮތްއިރު 8 އަހަރަށްތުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތްނަމަ އިމީޑިއަޓް ނުވަތަ ވަގުތުން ޓާމިނޭޝަނަށް ދާނެ. އެގޮތަށް ބަހާލައިގެން 4 ކެޓަގަރީއަކަށް މިއޮތީ ބަހާލާފައި." ވަޒީރު އަމީން ވިދާޅުވިއެވެ.
ފަތުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބައެއް ތަންތަން ޓަރމިނޭޓު ކުރެވުމާއި ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފެށި، އެ ތަންތަން ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މީގެ ސަބަބުން، ދައުލަތަށް ގެއްލެމުންދާ ޢާމްދަނީ އަނބުރާ ލިބެން ފެށުމުގެ އިތުރުން، އެތައް ރައްޔިތުންނަކަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިތުރު ދިރުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ދެކެއެވެ.
ފަތުރުވެރިކަމުގެ މަސައްކަތްތަކަށް ފަޅުތަކާއި ރައްތަށް ދޫކޮށްފައިވަނީ އެތަންތަނުން ލިބޭނެ އާމްދަނީއަށް ބަލާފައިކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. މިފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށާއި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށާއި ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި، ގްރީން ޓެކްސް އާއި، އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވަނީ ދައުލަތުގެ މިފަދަ އަގުހުރި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ދިގު މުއްދަތަކަށް ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ހުރުމަކީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއްކަން ފާހަގަކޮށްފައެވެ.