ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ޤާނޫނާއި ޚިލާފު، ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދައްކާކަން އެ ކޮމިޝަނަށް ފާހަގަކުރެވޭކަމަށެވެ. އެހެންނަމަވެސް ސާބިތކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ، ނުވަތަ ޕާޓީއެއްގެ މެމްބަރަކާއި ބެހޭގޮތުން ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފުކަމެއްކަން އެ ކޮމިޝަނުންވަނީ ހަނދާންކޮށްދެއްވާފައެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ލިބިދޭ ޢަސާސީ ޙައްޤަކަށްވީނަމަވެސް، އެ ހައްޤުގެ ބޭނުން ހިފުމުގައި ޒިންމާދާރުވުމަށް އެ ކޮމިޝަނުން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީތީގެ ޤާނޫނުގެ 45ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7ވަނަ މާއްދާގެ (ހ)ގައި ސިޔާސީ ޕާތީއަކުން ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަންކަން ނުކުރުމަށާއި، ރާއްޖޭގައި ޢަމަލުކުރ ޤާނޫނުތަކާއި ޚިލާފުނުވުމަށް އީސީން ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.
ކޮމިޝަނުން މިކަން ހާމަކޮށް ބަޔާނެއް ނެެރެފައި މިވަނީ މިމަހުގެ 5ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅެއްގައި، ސަރުކާރުގެ 3 ވުޒާރާ ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމާއި ގޫޅޭގޮތުން ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރުމަށް ދިން ޗިޓާ ހަވާލުވެވަޑައިނުގެން އެމަނިކުފާނުވަނީ އެ މައްސަލައިގައި ލިޔުމުން ފުލުހުންނަށް ޖަވާބުދެއްވާފައެވެ. އެ ލިޔުމުގައި އެ މަނިކުފާނު ވިދާޅުވީ، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތްކަމަށެވެ. މިކާމާ ގުޅިގެން ފުލުހުން ވަނީ ސާބިތު ނުހިފޭގޮތަށް ފުލުހުންގެ މަސައްކަތުގެ އިތުބާރު ގެއްލޭ ފަދަ ވާހަކަ ނުދެއްކުމަށް ފުލުހުންވެސް ޢިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، ބައެއް ސިޔާސީ ޕާޓީތަކުގެ ޕްލެޓްފޯމްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދެއްކުމާއި، ބައެއް މީހުންގެ އަބުރު ގެއްލޭގޮތަށް ހަޤީގަތާއި ޚިލާފު ވާހަކަތައް ދައްކަމުންދާތީ އެކަމަށް ސަމާލުވުމަށް މީގެކުރިންވެސް އީސީން ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަންނަވައެވެ.