ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކުލަބް ރެއާލް މެޑްރިޑުން، އިޓަލީގެ އިންޓަ މިލާންގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާ ޗެމްޕިއަންސް ލީގު މޮޅަކުން ފަށައިފިއެވެ.
މި މެޗު ފެށުމުގެ ކުރިން ޔުއެފާއިން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ އެވޯޑް ރެއާލްގެ އާރދާ ގުލާއަށް ދީފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން ދޭ ރަން ބޫޓު އެމްބާޕޭއާ ވަނީ ހަވާލުކޮށްފައެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން 14 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. ބްރަހިމް ޑިއާޒްގެ އެހީތެރިކަމާއެކު، މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މި ލަނޑަށްފަހު ވެސް ރެއާލުން ވަނީ ފުލުފުލުގައި އިންޓަގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލްގެ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ހިތްގައިމު ގޯލަކުން ރެއާލްގެ ލީޑު ފުޅާކޮށްދިނެވެ.
މެޗުގެ ދެވަނަ ހާފުގައި އިންޓަ އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 77 ވަނަ މިނިޓްގައި އިންޓަ މިލާނުން ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ލައުޓާރޯ މާޓިނޭޒްގެ އެހީތެރިކަމާއެކުގައި ކާލޯސް އޮގަސްޓޯ ކާމިޔާބުކުރި ގޯލެކެވެ.
ރެއާލުން ޗެމްޕިއަންސް ލީގުގައި ދެން ވެސް ކުޅޭނީ އިޓަލީގެ ޓީމަކާއެވެ. އެ ޓީމުން އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރޯމާގެ ދަނޑުގައެވެ.