ޚަބަރު

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ


  • ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިމަހުގެ 21އާ ހަމައަށްވަނީ ހުޅުވާލާފައި

  • ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ

ހއ. އުލިގަމުގައި މަތީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް، އެ ތަން ހިންގާނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އިއުލާނުކޮށްފިއެވެ.

އެމްޕީއެލް އިން ކުރި އިއުލާނުގައި ވިދާޅުވީ، މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ދިވެހި ނުވަތަ ބޭރުގެ ކުންފުނިތަކަށާއި ޖޮއިންޓް ވެންޗާތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 'ބިލްޑް އެންޑް އޮޕަރޭޓް' އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށެވެ. އަދި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުފަހަރު އާންމުކޮށް ބަނދަރުކުރާ މައި މަންޒިލަކަށް ވާތީ، އެ ރަށަށް ހާއްސަ އިގުތިޞާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާގެ ހިދުމަތް ފުޅާކޮށް، އޭގެއިން އެދެވޭ އިގުތިސާދީ ނަފާއެއް ހޯދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި މަޝްރޫއުގެ އަސާސީ އިންފްރާސްޓްރަކްޗާ ކަމަށްވާ ފަޅު ކޮނުމާއި، ތޮށިލުމާއި، ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ސަސް އީ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން މިހާރު ވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން މެރީނާ އަޅަން ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ވެސް މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ ގޮތަށް ފަރުމާކުރާ މި މެރީނާއިން ކަސްޓަމްސް އާއި އިމިގްރޭޝަންގެ ހިދުމަތްތައް ވެސް ލިބެން ހުންނާނެއެވެ.

އެމްޕީއެލް އިން ވިދާޅުވީ މެރީނާ ހިންގަން ހަވާލުވާ ފަރާތުން ޔޮޓްތަކަށް ބޭނުންވާ ތެލާއި، ފެނާއި، ކަރަންޓުގެ އިތުރުން ކުނި މެނޭޖްކުރުމާއި މަރާމާތުގެ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. އަދި މެރީނާ ހޮޓާ ނުވަތަ ރިސޯޓާއި، ކެފޭ/ރެސްޓޯރަންޓް، ފިހާރަތައް، ކްރޫ ފެސިލިޓީތައް، ވޯޓާ ސްޕޯޓްސް އަދި ވެލްނެސް ސެންޓަރުތައް ގާއިމްކުރުމަކީ ވެސް އެ ފަރާތުގެ ޒިންމާއެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޔޮޓް ރޫޓްތަކުގައި އުލިގަން އިޝްތިހާރުކޮށް، ގްލޯބަލް ބްރޭންޑިން އަދި ޗާޓަރު ޕާޓްނަރުން ހޯދުމުގެ މަސައްކަތް ވެސް ކުރަންޖެހޭނީ މެރީނާ އޮޕަރޭޓްކުރާ ފަރާތުންނެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މަގުތަކާ ކައިރީގައި އޮންނަ ރަށަކަށް ވުމާއެކު، އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ.