ޚަބަރު

އެންމެފަހުގެ ޗެމްޕިއަން ވެމްކޯ ސެމީއަށް، އެމްޓީސީސީއަށް ފުރަތަމަ މޮޅު


  • ވެމްކޯއިން ސެމީގެ ޖާގަ ކަށަވަރުކުރީ ދެ މެޗު ވެސް ސީދާ 3 ސެޓުން ކާމިޔާބުކޮށްގެން

  • ރާއްޖެ ވޮލީ ކްލަބްގެ މައްޗަށް އެމްޓީސީސީން ކުރިހޯދީ ސީދާ 3 ސެޓުން

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއިން ޖާގަ ހޯދިއިރު، ކްލަބް އެމްޓީސީސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯއިން ވަނީ ސީދާ ތިން ސެޓުން އެމްޓީސީސީގެ މައްޗަށް ކުރިހޯދައިފައެވެ. އަދި ދެވަނަ މެޗުގައި ޖުޑް ގޭމްސް ސްޕޯޓްސް އެކަޑަމީގެ މައްޗަށް ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ.

މި ނަތީޖާތަކާއެކު، ވެމްކޯއިން ޕޫލް ބީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުގައެވެ. އެ ޓީމުން ކުޅުނު ދެ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވުމުން ސެމީގެ ޖާގަ ކަށަވަރުވީ ސެޓު އެޑްވާންޓޭޖު އޮތުމުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު ވެމްކޯ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މުޅި މެޗު ވެސް ވެމްކޯ އިން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ، 25-12، 25-06 އަދި 25-20 އިންނެވެ.

މީގެ އިތުރުން ބުދަ ދުވަހު ހަވީރު އެމްޓީސީސީން ވަނީ ރާއްޖެ ވޮލީ ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-08، 25-11 އަދި 25-18 އިންނެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. ފުަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް އިން ނުކުންނާނީ ސިޓީ ފްރެންޑްސްއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޕޮލިސް ކްލަބް ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ.