ޚަބަރު

ފަރުމަސް އާލާކުރުމުގެ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބުރަށް ހުޅުވާލައިފި


  • ތަމްރީން ކުރިއަށްގެންދަނީ މަނިޔަފުށީގައި

  • ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ހުޅުވާލާފައިވޭ

  • މިމަހު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވެވޭނެ

"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން، ވޯލްޑް ބޭންކްގެ އެހީގައި ތަންފީޒުކުރެވޭ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދާ މި އަސާސީ މެރިކަލްޗަރ ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 އިން 21 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުޞަތު ހުޅުވާލާފައިވާ މި ފަންނީ ތަމްރީނު ޕްރޮގްރާމްގެ މުއްދަތަކީ 14 ދުވަހެވެ.

މިކޯހުގައި ކިޔަވައިދޭނެ މުހިންމު ބައިތައް:

• އެކްއަކަލްޗަރގެ ނިޒާމުތައް
• ދިރޭ ކަނާ އާލާކުރުން
• ފާނަ ވިއްސައި ކުދިފާނަ ބޮޑުކުރުން
• ހުއިފިލަނޑާ ވިއްސައި ކުދި ހުއިފިލަނޑާ ބޮޑުކުރުން
• ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހައްދައި އާލާކުރުމުގެ ތިއަރީ ކިޔަވައިދިނުން
• އާލާކުރާ ދިރުމަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ކޮޕީއާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާނަމަ ފޮނުވާނީ [email protected] އަށެވެ. މި ޕްރޮގްރާމަށް ކަނޑައެޅިފައިވާ 15 ފުރުޞަތަށްވުރެ ގިނައިން ފޯމު ހުށަހަޅާފައިވާނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އެ އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ބުރުގެ ބައިވެރިންގެ ތަމްރީނުތައް މިދިޔަމަހު ވަނީ ފަށާފައެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.