ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އެޕްލިކޭޝަން ދެގުނަ އިތުރު


  • މިދިޔަ އަހަރު މައުރަޒަށް ހުށަހެޅީ، 270އެއްހާ އެޕްލިކޭޝަން

  • މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު މަހުގެ 23އިން 31އަށް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެދި 700 އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފިއެވެ. މިމައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމްތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ކުރިއަރަމުންދާ ވިޔަފާރިތަކާއި އަލަށް ވިޔަފާރިކުރަން ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.


ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒު އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް މައުރަޒުގައި ބައިވެރިވެވޭ ގޮތަށްވަނީ ބަދަލުގެނެސްފައެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް މައުރަޒުގައި ހިމެނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް އަމާޒެވެ.