ޚަބަރު

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މާލީ ހާލަތު ބަލަނީ


ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ، އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވާ، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި ނުވަދިހަ އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި ސަތޭކަ ނުވަދިހަ އަށް އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްވެސް ހަދާފައިވަނީ 3 ކޮޓަރިއާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެނެވެ. މީގެ އިތުރުން ވައިދައުރުވާނޭހެން ވެންޓިލޭޓަރ ހަރުކޮށް، ފަސޭހައިން އަރާފޭބުމަށް ސިޑީގެ އިތުރުން ލިފްޓުވެސް ވަނީ ބަހައްޓާފައެވެ. އަދި އަލިފާނުގެ ޙަދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއި، މާލެއިން ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް ބެކަޕް ޖަނަރޭޓަރުވެސް އިންސްޓޯލްކޮށްފައިވެއެވެ. ހަމައެހެންމެ ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެންއަރުވާ ވަޑާމަކާއި، އެކުދިން ކުޅޭނެ ސަރަޙައްދުތަކާއި، ޕާޓީތަކަށާއި އެހެނިހެން ހަފްލާތަކަށްވެސް ބޭނުންކުރެވޭނޭހެން ޓެރަސްވެސް ތަރައްޤީ ކޮށްފައިވެއެވެ.

ޓާޓާ ފްލެޓްތައް އާއްމުންނަށް ދޫކުރުމުގެ ކަންކަން ސަރުކާރުން ހަވާލުކުރައްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއާއެވެ. އެގޮތުން އެކުންފުނިން ވަނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށި ބިމުގައި ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ދުއިސައްތަ އައްޑިހަ އަށް ފްލެޓްގެ ތެރެއިން ދުއިސައްތަ ފަސްދޮޅަސް ހަ ފްލެޓަކަށް ހޮވިފައިވާ ފަރާތްތަކުގެ މެދުގައި، ފްލެޓް ލިބޭތަންތަން ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ބާއްވާފައެވެ. މި ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

img:http://s1.psmnews.mv/images/660x400/14611606258913.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް - ފައިލް ފޮޓޯ: ޕީއެސްއެމް

ޓާޓާ ފްލެޓްތަކަށް ފައިސާދެއްކުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާގޮތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކުންފުނިން މަސައްކަތްކުރައްވަނީ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އެންމެ ރަނގަޅު ކަސްޓަމައިޒްޑް ފައިނޭންޝަލް ސޮލިއުޝަންސް ނުވަތަ އޮޕްޝަންތައް ފަހިކޮށްދެއްވުމަށްކަމަށެވެ. އެގޮތުން ރާއްޖޭގެ ބޭންކުތަކާއި، ފައިނޭންޝަލް އިންސްޓިޓިއުޝަންސް އަދި ޕެންޝަން ފަންޑް މެދުވެރިކުރައްވާ ކަސްޓަމަރުން ސްކްރީން ކުރުމުގެ ކަންކަން މިހާރު ކުރައްވަމުން ގެންދަވާކަމަށް. އެއަށްފަހު ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް، ފްލެޓްތަކަށް ފައިސާދެއްކުމަށް އަންގާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި މި ފްލެޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބޭންކްތަކާއި، ޕެންޝަން ފަންޑުމެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުން ދަށުން، ފްލެޓްތަކަށް ދައްކަންޖެހޭނީ މިހާރުގެ މާކެޓް ވެލިއުއަށްވުރެ ދަށް އަގެއްކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. އަދި އަގުތައް ވަރަށް އަވަހަށް ޢާއްމުކުރައްވާނެ ކަމަށްވެސް އެކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.