ޚަބަރު

4 ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސްއަށް ފޮނުވައިފި


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ 4 ސިޔާސީ ޕާޓީއަކަށް ދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން، ފިނޭންސް މިނިސްޓްރީއަށް ފޮނުއްވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބަޖެޓުން ފައިސާ ދޫކުރަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ދިހަހާސް މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނިކަމަށެވެ. އެގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ 4 ޕާޓީއަކީ، ޕީޕީއެމް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެވެ. 

ޕާޓީތަކަށް ފައިސާ ދޫކުރާ ގޮތުގެ ތަފްސީލް،

ޕީޕީއެމް - 10,095,557.10 ( 10 މިލިއަން 95 ހާސް 577 ރުފިޔާ 10 ލާރި )

އެމްޑީޕީ - 7،334،064.25 ( 7 މިލިއަން 3 ލައްކަ 34 ހާސް 64 ރުފިޔާ 25 ލާރި )

ޖުމްހޫރީ ޕާޓީ - 2،947،946.67 ( 2 މިލިއަން 9 ލައްކަ 47 ހާސް 946 ރުފިޔާ 67 ލާރި ) 

އެމްޑީއޭ - 2،839،299.98 ( 2 މިލިއަން 8 ލައްކަ 39 ހާސް 299 ރުފިޔާ 98 ލާރި ) 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށް މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުއްވާފައިވާކަމަށެވެ. ޕާޓީތަކަށް ފައިސާ ދޫކުރެއްވުމަށް ފޮނުއްވާފައިވާއިރު، އަދާލަތު ޕާޓީއާއި ޑީއާރުޕީއަށް ފައިސާ ދޫކުރައްވާފައެއް ނުވެއެވެ. އެއީ ޤާނޫނުގައިވާ ގޮތުން ދިހަހާސް މެމްބަރުން ހަމަނުވާތީއެވެ. އަދާލަތު ޕާޓީގައި 7595 މެމްބަރުން ތިބިއިރު، ޑީއާރުޕީގައި ތިބީ 3966 މެމްބަރުންނެވެ.