ކުޅިވަރު

ޓެނިހުގެ ތާރީހުގައި އެންމެ ލަހުން ފެށި މެޗުން ބަލިވެ ވީނަސް ވިލިއަމް ކަޓައިފި


ޓެނިހުގެ ތަޖުރިބާކާރު ތަރި ވީނަސް ވިލިއަމް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފުރަތަމަ ބުރުން ކަޓައިފި އެވެ.

އަމިއްލަ ގައުމުގައި ކުޅުނު މި މެޗުން އުމުރުން 46 އަހަރުގެ ވީނަސް ކެޓީ ފުރަތަމަ ސެޓްގައި 6-2އިން ބަލިވެ، ދެ ވަނަ ސެޓް 6-7އިން ކާމިޔާބުކޮށް ޓައިބްރޭކް ސެޓްގައި 8-6އިން އެމެރިކާގެ ސޯފިއާ ކެނިން އަތުން ބަލިވުމުންނެވެ.

މަރިއާނޯ އާއި ނޮވަކް ޖޮކޮވިޗްގެ މެޗު ހަތަރު ގަޑިއިރަށް ދިގުލައިދިއުމުން ސެރީނާ އާއި ކެނިންގެ މެޗު ފެށުނީ ހަމަޖެހިފައިވާ ވަގުތަށްވުރެ މާ ފަހުންނެވެ. މެޗު ފެށީ އެމެރިކާ ގަޑިން މެންދުރު 00:13ގަ އެވެ. މެޗު ނިމުނީ ދޭއް ޖެހި ފަހުންނެވެ. މިއާއެކު މެޗު ވެގެންދިޔައީ ޔޫއެސް އޯޕަންގެ ތާރީހުގައި ވެސް އެންމެ ލަހުން ފެށި މެޗަށެވެ. މެޗު ފެށުން ލަސްވުމުގެ ސަބަބުން އަރްތޫރް އޭޝް ސްޓޭޑިއަމުން ހާހަކަށްވުރެ ގިނަ މީހުން ނުކުމެގެންދިޔަ އެވެ.

"މިއީ ވާން ޖެހޭ ގޮތެއް ނޫން. އަހަރެންނަކަށް ހިއެއްނުވޭ އެހެން އެއްވެސް ކުޅިވަރެއްގައި ވެސް މިހާ ލަހުން މެޗެއް ފެށިގެން. އަހަރެން އުއްމީދު ކުރީ މި ނޫން ގޮތެއް. އަހަރެންނަށް ހިޔެއް ނުވޭ މިއީ އަހަރުމެން ދެ މީހުންނަށް ވެސް އެންމެ ރަނގަޅު ގޮތްހެން،" މެޗު ފެށުން ލަސްވުމަށް އިޝާރާތްކޮށް ވީނަސް ބުންޏެވެ.

"އަހަރެން ވަރަށް މަސައްކަތް ކުރިން މޮޅުވާން. އެކަމަކު ވަރަށް ހިތްވަރު ކޮށްގެން ވެސް މެޗުގެ ރޫހެއް ނުގެވުނު. މިއީ ފުރަތަމަ ބުރުގައި ކުރަން އެހާ ފަސޭހަ ކަމެއް ވެސް ނޫން. އަދި އަމުދުން ހެނދުނު އެކެއް ނޫނީ ދޭއް ޖަހާއިރު ފަސޭހަ ކަމެއް ނޫން،" މެޗު ފެށުން ލަސްވުމާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ވީނަސް ބުންޏެވެ.

މިއީ ވިދިވިގެން ވީނަސް ވިލިއަން ފުރަތަމަ ބުރުން ބަލިވި 15 ވަނަ މެޗު ވެސްމެ އެވެ.

މެޗަށް ފަހު ކެނިން ބުނީ މެޗުން މޮޅުވާން އޭނާ ވެސް ވަރަށް މަސައްކަތް ކުރި ކަމަށާއި ފަހު ސެޓުގައި ވީނަސް އަށް ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައިވަނިކޮށް މެޗު ކާމިޔާބު ކުރެވުނީ ވަރަށް މަސައްކަތުން ކަމަށެވެ. ކެނިން އަކީ 2020 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަނެވެ.

ސިންގަލްސް ބައިން ކެޓި ނަމަވެސް ވީނަސް ދެން ފެނިގެންދާނީ ކޮއްކޮ ސެރީނާ ވިލިއަމްސްއާއެކު ޑަބަލް ބައިންނެވެ.