ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލައިފިއެވެ.
ސެވިއްޔާގެ އެސްޓާޑިއޯ ރާމޮން ސަންޗޭޒް ޕިޒްހުއާންގައި ކުޅުނު މިމެޗު އެޓްލެޓީއިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު އެޓްލެޓީއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. މިމެޗު އެޓްލެޓީއިން ފަށާފައިވަނީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ 4 ވަނަ މިނެޓުގައި އެޓްލެޓީއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު ލީ ކާންގ އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އަލެކްސް ބައޭނާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި އަޑެމޯލާ ލޫކްމަން ޖަހައިދިން ލަނޑުން އެޓްލެޓީއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި މިލަނޑު ޖެހިތާ 7 މިނެޓް ފަހުން މާކޮސް ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބައޭނާ މިމެޗުގައި ޖެހި ދެވަނަ ލަނޑާއެކު އެޓީމުން 3 ލަނޑުގެ ލީޑެއް ނެގިއެވެ.
މިމެޗުގައި ސެވިިއްޔާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދީފައިވަނީ މިގުއެލް ސިއޭރާއެވެ. މިސީޒަން ވަރަށް ކާމިޔާބު ކަމާއެކު ފަށާފައިވާ ސެވިއްޔާއަށް މިމެޗުގައި އިތުރު ލަނޑެއް ޖެހޭގޮތެއްނުވިއެވެ. މިއާއެކު މިސީޒަންގައި ފުރަތަމަ ފަހަރަށް އެޓީމު މިވަނީ ބަލިވެފައެވެ. މިކާމިޔާބީ އާއެކު ޑިއޭގޯ ސިމިއޯނީގެ ޓީމު މިހާރު މިވަނީ ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސެވިއްޔާ އުޅެނީ 6 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ރެއާލް ސޮސިއެޑާޑް އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 2 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސޮސިއެޑާޑްއެވެ. އަދި ލެވަންޓޭ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު 5 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެވެންޓޭއެވެ.