ޚަބަރު

ޕެލަސްއާއި ދެކޮޅަށް ސިޓީއަށް ފަސޭހަ މޮޅެއް


  • ސިޓީއިން ޕެލަސް މައްޗަށްކުރި ހޯދީ 4 - 1 ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ޕެލަސްގެ ސެލްހަރސްޓް ޕާރކްގައި ކުޅުނު މިމެޗު ސީޓީއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ޕެލަސްގެއެވެ. މިގޮތުން މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ޕެލަސްއިން ވަނީ ސިޓީގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މިއާއެކުވެސް އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ސިޓީއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެންޓޮއިން ސެމެންޔޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު ޖަހައިދިނީ ނުރައްކާތެރި ފޯވަޑް އާލިންގ ހާލަންޑްއެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެޓީމަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މީގެތެރެއިންވެސް ސިޓީގެ ފިލް ފޯޑެންއަށް ލިބިގެންދިޔަ ދެ ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ރަޔަން ޗާކީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ޕެލަސްއަށް ލިބިގެންދިޔަ ހިލޭ ޖެހުމަކުން އެޓީމުންވަނީ މިމެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައިފައެވެ. ޕެލަސްގެ ޔެރެމީ ޕީނޯ ޖެހި ހިލޭ ޖެހުން ސިޓީގެ ގޯލަށް ވަދެފައިވަނީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުން ވަގުތު ކީޕަރ ޖިއަންލުއިޖީ ޑޮނަރޫމާ ގައިގާ ޖެހިފައި ބައިކޮޅަށެވެ. މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި 3 ވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީވެސް ޗާކީއެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހާލަންޑެވެ.

މިމެޗުގެ ދެވަނަ ހާފުގައި ސިޓީއަށް ދާދިފަހުން ސޮއި ކުރި މޮރޮކޯގެ ޒުވާން ކުޅުންތެރިޔާ އައްޔޫބް ބުއާދީ ފެނިގެންދިޔައެވެ. އަދި މިކާމިޔާބީއާއެކު ސިޓީއިން މިވަނީ އާކޯޗު އެންޒޯ މަރެސްކާގެ ކޯޗު ކަމުގެ ދަށުން ލީގުގައި މިހާތަނަށް ކުޅުނު
ދެމެޗުވެސް ކާމިޔާބު ކޮށްފައެވެ.