ޚަބަރު

ފަރުކޮޅު ހިމާޔަތްކޮށް ބަލަހައްޓަން ޚާއްސަ އުޅަނދެއް


  • މިއީ ފަރުކޮޅު ޤަވާޢިދުން ބަލަހައްޓައި މޮނިޓަރ ކުރަން ގެނައި އުޅަނދެއް

  • ރާއްޖޭގައި މިހާތަނަށް ޙިމާޔަތްކޮށްފައިވާ 90 އަށްވުރެ ގިނަ ސަރަޙައްދު އެބައޮތް

ށ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ޤުދުރަތީ ޚާއްޞަ ސަރަޙައްދެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމުގެ މަސައްކަތަށް ޚާއްޞަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަރުކޮޅު ރޭންޖަރ އުޅަނދަކީ އެވުޒާރާގެ "ކެޓަނޭޓް" ޕްރޮޖެކްޓު ދަށުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ، ޖީއީއެފްގެ މާލީ އެހީއާއި އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ، އައިޔޫސީއެންގެ އެހީގައި ގެނެސްފައިވާ އުޅަނދެއްކަމަށެވެ.

މިއުޅަނދަކީ ށ. ފަރުކޮޅުގެ ނާޒުކު ތިމާވެށްޓާއި ދިރުންތައް ޙިމާޔަތްކޮށް، އެ ސަރަޙައްދު ޤަވާޢިދުން ބަލަހައްޓައި މޮނިޓަރ ކުރުމަށް ގެނައި އުޅަނދެކެވެ. މިއުޅަނދު ލިބުމާއެކު، ތަމްރީނު ލިބިފައިވާ ޚާއްޞަ ރޭންޖަރުންގެ ޓީމަކުން އެ ސަރަޙައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ރާއްޖޭގައި މިހާތަނަށް ޙިމާޔަތްކޮށްފައިވާ 90 އަށްވުރެ ގިނަ ސަރަޙައްދު އޮތްއިރު، އެ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ރޭންޖަރުން ބޭނުންވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ބޭސިކް ރޭންޖަރސް ކޯހެއްވެސްވަނީ ހިންގާފައެވެ.

ރޭންޖަރުން ތަމްރީނު ކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއަހަރު ނިމުމުގެ ކުރިން ރޭންޖަރުންގެ އަދަދު ދެގުނަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުން ހޯދަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ ކައުންސިލެއްގައި ރޭންޖަރަކު ބެހެއްޓޭނެ ގޮތަށް ބަޖެޓު ހަމަޖައްސައި، ތަމްރީނު ދިނުމުގެ އިންތިޒާމުތައް ރާވަމުން އަންނަ ކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުން ނަފާ ހޯދުމަށް ސަރުކާރުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ތިމާވެށްޓަށް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި އުޞޫލުން މިސަރަޙައްދުތައް ބަލަހައްޓައި، ފަތުރުވެރިންނަށް ޤުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، އެ ސަރަޙައްދުތަކުން އެދެވޭ ނަފާ ލިބެން ފަށާނެ ކަމަށް ސަރުކާރުން ދެކެއެވެ.