ބޭރުފައިސާއަށް އޮތް ބާރު ކުޑަކުރުމަށް އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާ ހުރި މިންވަރު މަދުކުރުމަށް ކުރަމުންދާ މަަސައްކަތުގެ ތެރެއިން މިހާތަނަށް 3 ބިލިޔަން ރުފިޔާ ނަގާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ގަވަރުނަރު ވިދާޅުވީ އިޤްތިޞާދުގައި ދައުރުވާ ރުފިޔާގެ މިންވަރު މަދުކުރުމުގެ މަސައްކަތް ފުޅާކުރަމުން އަންނަ ކަމަށެވެ.
އިޤްތިޞާދުގައި ދިވެހިރުފިޔާ ދައުރުވާ މިންވަރު މަދުކުރުމަށް، އެމްއެމްއޭއިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަން ނުވަތަ އިޤްތިޞާދުން ދައުރުވާ ފައިސާ ނެގުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު، އަހުމަދު މުނައްވަރު ވަނީ މިވީ މުއްދަތުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ އިޤްތިޞާދުން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.
"10 އަހަރަށް ފަހު އޯޕަން މާކެޓް އޮޕަރޭޝަން ފެށިއްޖެ. އަޅުގަނޑު ގަވަރުނަރަކަށް ހަވާލުވިއިރު 8 ވަރަކަށް ބިލިޔަން ރުފިޔާ އިތުރުވެފައި ހުރީ. އެ އެކްސެސް ރުފިޔާ އަޅުގަނޑުމެން މިދަނީ ނަގަމުން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ އަޅުގަނޑުމެންވާނީ އެކްސެސް ލިކުއިޑިޓީ ތެރޭ ނަގާފައި. " މުނައްވަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭންކުން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން 10 ބޭސިސް ޕޮއިންޓަށް އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރަންވަނީ ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ.
އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ފައިސާ، މަދުކުރުމަށް މިނިމަމް ރިޒާވް ރިކުއަރމަންޓް މަތިކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ބޭންކުތަކަށް ޖަމާވާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މިގޮތުން މިހާރު ބަހައްޓަން ޖެހޭ މިންވަރު %10.5 އިން %11 އަށް އިތުރުކުރުމަށް، މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުން ފެށިގެންނެވެ. އަދި މިއަދަދު ކޮންމެ 3 މަހަކުން ރިވިއުކުރުމަށް ނިންމާފައިވެއެވެ. މަރުކަޒީ ބޭންކުން ވިދާޅުވީ ރިވިއުތަކަށް ފަހު މިއަދަދު މިއަންނަ އަހަރުގެ ނިޔަލަށް %13 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ކޯވިޑުގެ ދުވަސްވަރު ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ޢަމަލުކުރުން މަޑު ޖައްސާލުމަށްފަހު ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދުގައި ދިވެހި ފައިސާގެ މިންވަރު އިތުރުވެ، ބޭރުފައިސާއަށް އޮންނަ ޑިމާންޑް އިތުރުވެގެންދިޔައެވެ. މިކަމުގެ ސަބަބުން ދިވެހިފައިސާގެ އަގުވެއްޓިގެން ދިޔައެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކޮށް، އެ ފައިސާ ތިން ފަހަރެއްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ ސަބަބުން ރުފިޔާ ލިކުއިޑިޓީ ނުވަތަ ބޭންކިން ނިޒާމުގައި ދައުރުވަމުން ދިޔަ ދިވެހި ރުފިޔާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވިކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އަދި ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު %178 އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުރީ ސަރުކާރުން ޖުމްލަ 8.2 ބިލިޔަން ރުފިޔާ ޗާޕްކޮށްފައިވެއެވެ.
މިކަން ހައްލުކޮށް ދިވެހިރާއްޖޭގެ ފައިސާއާއި ބެހޭ ސިޔާސަތު ހަރުދަނާ ކުރުމަށް، ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ ބަދަލުތަކެއް މަރުކަޒީ ބޭންކުން ދަނީ ގެންނަމުންނެވެ.