ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަން ކުރަން ފާސްކޮށްފި


  • ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި

  • ޝަމްއޫނަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެ މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ދެ ބޭފުޅުންގެ ނަމެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހ. މީނާޒު، ޝަމްއޫން ހަމީދާއި ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބުގެ ނަމެވެ. ސަމާޢު އަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އޭނާގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ހަމަވާނެއެވެ.

ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އޭނާ އަދާކުރެއްވިއެވެ.

މި ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ކޮމިޓީންވަނީ ދެ ބޭފުޅުންގެވެސް ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ޝަމްއޫން އެ މަޤާމަށް އައްޔަން ކުރުމަށެވެ.