ޚަބަރު

އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ފާސްކޮށްފި


  • ބިލު ފާސްކުރީ 47 މެންބަރުންގެ ވޯޓުން

  • މި ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ބައިތައް ވަނީ ހިމަނާފައި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 47 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރު ނިޒާމު ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއްގެމަތިން އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެމަތިން ރާވައި ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ކަނޑައެޅުމެވެ.

މި ބިލުގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ޝަރުތުތަކާއި މިންގަނޑުތަކާއި އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޝަތުރުތަކާއި، އުޅަނދު މަޑުކުރުމާއި، ޕާކު ކުރުމާއި އުޅަނދު ބޭނުންކުރުމުގެ ހަމަތައް ވަނީ ހިމަނާފައެވެ. އަދި އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މިންގަނޑުތަކާއި، ތަންފީޒީ އިދާރާތަކަށް ލިބިފައިވާ ބާރުތަކުގެ އިތުރުން ޤާނޫނާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައިވާގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރަދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރުގެ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވާލަން ޖެހޭނެއެވެ. އަދި މި ނިޒާމު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ، ދަތުރުފަތުރާ ގުޅުންހުރި ވުޒާރާއަކުން ކަމަށާއި ވުޒާރާއަށް ލަފާދިނުމަށް ރޯޑް ސޭފްޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގައި ރާއްޖޭން ބޭރުގައި އުޅަނދު ދުއްވުމަށް އިންޓަރނޭޝަނަލް ޑްރައިވިން ޕާމިޓެއް ދޫކުރަންވާނެ ކަމަށާއި، ޓްރެފިކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާގައި ބައިވެރިވެފައިވާ އެހެން ޤައުމެއްގެ ސައްޙަ ލައިންސަންސަކާއެކު ރާއްޖޭގައި އިތުރު ލައިސަންސެއް ނުނަގައި އުޅަނދު ދުއްވޭނެ ކަމަށްވެސް ވަނީ ހިމަނާފައެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި ދައްކަންޖެހޭ ފީއާއި ޖޫރިމަނާގެ ފައިސާގެ އަދަދު 5000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ވެއްޖެނަމަވެސް ލައިސަންސް ހިފެހެއްޓޭނެއެވެ. އަދި ލައިސަންސްގެ ޕޮއިންޓު ޑީމެރިޓް ކުރެވޭ ސިސްޓަމެއްވެސް އެކުލަވާލާނެއެވެ.

މި ބިލަށް ކޮމިޓީން ވަނީ، ބައެއް އިސްލާޙުތައް ގެނެސްފައެވެ. އެގޮތުން ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ބޭނުން ކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރުގެ މުއްދަތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާގުޅޭ ހުރިހާ ކަމެއް ރާވައި ހިންގުމުގެ ގޮތުން ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހެއް އުފައްދަވައި، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭގޮތަށްވެސް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ އިސްލާޙުތަކެއް ގެނެސްފައެވެ.

މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ، ކޮމިޓީން ގެނައި އިސްލާޙުތަކާއެކުގައެވެ.