ޚަބަރު

ބޭންކިން ސިނާޢަތު ވަރުގަދަކުރަން ޤާނޫނު އިސްލާހުކުރަނީ


  • ފަތުރުވެރިކަމުން ލިބުނު ޑޮލަރުގެ ތެރެއިން، 58 މިލިޔަން ޑޮލަރު ރާއްޖޭގެ އިޤްތިޞާދުން ބޭރަށް

  • މިދިޔަ 5 އަހަރު ތެރޭ ބޭންކުތަކުގެ ފައިދާއިން 200 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރުކުރި

ރާއްޖޭގެ އެތެރޭގެ ބޭންކިން ސިނާޢަތް ހަރުދަނާކޮށް ދިވެހި ބޭންކުތައް ވަރުގަދަ ކުރުމަށް، ބޭންކުތަކާ ބެހޭ ޤާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ރާއްޖޭގައި ބޭންކިން ނިޒާމުގައި ޑޮލަރު ނުވަތަ ބޭރުފައިސާ ހިފެހެއްޓުމަށް ގާނޫނު އިސްލާހުކުރަންޖެހޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ޑޮލަރު ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ގަވަރުނަރު މުނައްވަރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ބޭރުފައިސާގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އަދި ކުރިމަގުގައި ގެނައުމަށް މަސައްކަތް ކުރާ އިސްލާހުތައް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

ގަވަރުނަރު ވިދާޅުވީ، ބޭރުފައިސާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ކޯވިޑަށް ފަހު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުގެ ސިނާޢަތުން ޑޮލަރު މާރުކުރާ މިންވަރު ހުރީ އެންމެ 10 އިންސައްތައިގަ ކަމަށެވެ. ނަމަވެސް މިއަދަދު މިހާރު 21 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށާއި އަމާޒަކީ މިއަށްވުރެވެސް މިއަދަދު އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް 5 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭކަމަށް ތަފާސް ހިސާބުތަކުން ދެއްކިނަމަވެސް އޭގެ ތެރެއިން 1.6 ބިލިޔަން ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ނުވަންނަ ކަމަށެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް ދާދިފަހުން ޕޭމެންޓް ސިސްޓަމް ޤާނޫނަށް ގެނެވުނު އިސްލާހާއި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް ޤާނޫނު ފަދަ ޤާނޫނީ ބަދަލުތަކެއް މުހިންމު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"އެ ޤާނޫނުތަކަކީ ސްޓްރަކްޗަރަލީ، ފަހަރަކު އެއްޗެއް އަޅުގަނޑުމެން ގެނެސް ވަށާޖެހޭ ގޮތަށް ކުރެވިގެންދާނެ މަސައްކަތެއް. ސަރުކާރުން ޑެސްޓިނޭޝަން ޕްރިންސިޕަލް ގޮތުގައި ގެނައި އިސްލާހަކީވެސް ވަރަށް މުހިންމު އިސްލާހެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް 5 ބިލިޔަނެއް ނޫން ލިބެންޖެހެނީ. އޭގެ ތެރެއިން ވަރަށް ބޮޑުބައެއް މިހިރީ ޕާކް ކުރެވިފައި ބޭރުގައި" ގަވަރުނަރ މުނައްވަރު ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބޭންކިން ޤާނޫނަށްވެސް ބަދަލު ގެންނަވާނެ ކަމަށާއި، އެތެރޭގެ ބޭންކުތައް ވަރުގަދަކޮށް ރާއްޖެއަށް ލިބޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓުމަށް މިހާރުވެސް މަސައްކަތްކުރަމުން އަންނަކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ އެތެރޭގެ ބޭންކުތަކަށް ރިސޯޓެއް ތަރައްޤީކުރަންވެސް ލޯނެއް ނުދެވޭ ކަމަށާއި، މިކަންކަން ބަދަލު ކުރުމަށް ބޭންކިން ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ބޭންކުތަކަށް 5.5 ބިލިޔަން ރުފިޔާ ނުވަތަ 356 މިލިޔަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. ނަމަވެސް މިފައިދާގެ ތެރެއިން 11 އިންސައްތަ ނުވަތަ 38 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރުވެފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މިއީ 5 އަހަރަށް ބަލާނަމަ 200 މިލިޔަން ޑޮލަރު ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

"މިހާރު ވާގޮތަކީ މިތިބީ ބޭރުގެ ބޭންކުތަކުގެ ބްރާންޗުތައް. ބްރާންޗުތައް ވާގޮތަކީ، މާކެޓުގައި ރިސޯޓުތަކުން ލިބޭ އާމްދަނީ ބޭރަށް މިގެންދަނީ. ކުރީ ދުވަހުވެސް އަޅުގަނޑު ސްޕީޗެއްގައި ދެންނެވިން މިދިޔަ 5 އަހަރު 200 މިލިޔަން ޑޮލަރު އެހެރީ ބޭންކުތަކުން ބޭރުކޮށްފައި. މިސާލަކަށް ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނަމަ އަޅުގަނޑުމެން ސިސްޓަމް ތެރޭގައި ހިފެހެއްޓޭނީ" ގަވަރުނަރ މުނައްވަރު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ބޭންކިން ސިނާޢަތް ކުރިއަރުވައި ސިނާޢަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގެ ކުރެވޭ މާލީ މުޢާމަލާތްތައް ދިވެހިފައިސާން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.