ޚަބަރު

ވިލާތުގެ އިއްތިޙާދުން ޔޫކްރެއިނަށް އިތުރު 6.1 ބިލިޔަން ޔޫރޯ


ޔޫކްރެއިންގެ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި 6.1 ބިލިއަން ޔޫރޯގެ މާލީ އެހީ ދިނުމަށް ވިލާތުގެ ކޮމިޝަނުން ފާސްކޮށްފިއެވެ.

ރަޝިއާއިން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންދާ މި ދަނޑިވަޅުގައި، ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލާއި ހަތިޔާރުގެ އިތުރުން ރާޑަރު ފަދަ ޒަމާނީ ދިފާއީ ވަސީލަތްތައް ހޯދުމަށްޓަކައި 6.1 ބިލިއަން ޔޫރޯ ނުވަތަ 7.12 ބިލިއަން ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދިނުމަށް ވިލާތުގެ ކޮމިޝަނުން މިއަދު ވަނީ ނިންމާފައެވެ.

ވިލާތުގެ އިއްތިޙާދު އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ކުރިން ކަނޑައަޅާފައިވާ 16 ބިލިއަން ޔޫރޯގެ ދިފާއީ އެހީގެ އިތުރުން ދިނުމަށް ހަމަޖެހުނު އެހީއެކެވެ. މީގެ ކުރިން ފާސްކުރި އެހީގެ ތެރެއިން 8.35 ބިލިއަން ޔޫރޯ މިހާރުވެސް ވަނީ ޔޫކްރެއިނަށް ދޫކޮށްފައެވެ.

ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރުސުލާ ވޮން ޑެއާ ލެޔެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިޔާގެ ހަމަލާތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި ޔޫކްރެއިންގެ ރައްޔިތުންނާއި އެ ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް އީޔޫއިން ވެދެމުންދާ އެހީތެރިކަން އިތުރުކުރާނެ ކަމަށެވެ. އަދި ވިލާތުން އަބަދުވެސް އޮތީ ޔޫކްރެއިނާއެކު ކަމަށާއި، ބޭނުންވާ ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް ޔޫކްރެއިނަށް 92 ބިލިއަން ޑޮލަރު ގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން ނޯވޭ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނޯޑިކް އަދި ބަލްޓިކް ސަރަޙައްދުގެ އިސްވެރިންނާއެކު ކީވްއަށް ކުރެއްވި ދަތުރުފުޅުގައި ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގާރ ސްޓޯރ ވިދާޅުވީ، މިއީ ހަމައެކަނި ފޯރުކޮށްދެވޭ އެހީއެއް ނޫން ކަމަށާއި، މުޅި ވިލާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

ހަމައެއާއެކު، ފިންލޭންޑުގައި އިންސާނުންގެ ބައިވެރިވުމަކާ ނުލައި ހިންގޭ ނިޒާމުތައް (އަންމޭންޑް ސިސްޓަމްސް) އުފެއްދުމާއި ތަރައްޤީކުރުމާ ގުޅޭގޮތުން އެ ދެގައުމު ދެމެދު ވަނީ ޝައުޤުވެރިކަން ހުރިކަމުގެ ލިޔުމެއްގައި ސޮއިކޮށްފައެވެ. އަދި ފަޅުވެރިންނާ ނުލައި ދުއްވާ ކަނޑު އުޅަނދުފަހަރު އުފައްދާނެ ކުންފުންޏެއް ޤާއިމުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވަނީ ފަހުމުނާމާއެއްގައި ވެސް ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވިދާޅުވީ އެ ގައުމުގެ އިޤްތިޞާދީ މުހިންމު ވަސީލަތްތަކަށް ޔޫކްރެއިނުން ހަމަލާދީ "ޕެންޑޯރާގެ ފޮށި" ހުޅުވާލާފައިވާ ކަމަށެވެ. އަދި ޔޫކްރެއިންގެ އިޤްތިޞާދީ ގޮތުން އެންމެ ނާޒުކު ދާއިރާތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް ޕުޓިން ވަނީ ދެއްވާފައެވެ. މި ވަގުތު ދެ ޤައުމުންވެސް ދަނީ އެއްބަޔަކު އަނެއްބައެއްގެ އިޤްތިޞާދީ ވަސީލަތްތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް އިތުރަށް ވަރުގަދަކުރަމުންނެވެ.