ނޫސްވެރިކަމަކީ އަޑިފެންނަ، ތެދުވެރި އަދި ޒިންމާދާރު ޚިދުމަތަކަށް ވާންޖެހޭނެކަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އައްބާސް އިބްރާހީމް މިހެން ވިދާޅުވީ، ފަންނާއި، ސަގާފަތާއި، ތަރިކައާއި ބެހޭ ވުޒާރާއިން ބާއްވާ މީޑިއާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީޑިއާ މަސައްކަތު ބައްދަލުވުން ފެށުމަށް ޤައުމީ ކުތުބުޚާނާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި، ސަގާފަތާއި، ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މިބައްދަލުވުމަކީ ފަންނާއި، ސަގާފަތާއި، ތަރިކައާއި ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ މަޢުލޫމާތު ވީހާވެސް ހަލުވިކަމާއި ހާމަކަން ބޮޑު ގޮތެއްގައި އާންމުންނަށް ގެނެސްދިނުމުގެ މަޤުޞަދުގައި މުޅިން އަލަށް ފެށި ހަރަކާތެކެވެ. މިއީ، މީޑިއާގެ ދާއިރާއިން ވުޒާރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ވަޒީރު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.
މިމަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ، މީޑިއާއަކީ ދުވަހެއް ދުވަހަކަށް ޑިޖިޓަލް މަންސަތަކުގައި ކުރިއަރަމުން އަންނަ އެއްޗަކަށްވުމުން، މިއީ އެއްވެސް ވަރަކަށް ފަރުވާކުޑަ ކޮށްލައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އައްބާސް ވަނީ، މީޑިއާގެ ދާއިރާއިން މަޢުލޫމާތު ފެތުރުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
" މީޑިއާގައި މަސައްކަތްކުރާ މީހުންގެ ޒިންމާތަކެއް އެބަ އޮވޭ. ތެދުވެރިވުން، ވަފާތެރިވުން، ހަގީގަތް ހާމަކުރުން، އަމިއްލަ ހިޔާލާއި އަމިއްލަ އެދުންތައް ޚަބަރުގެ ތެރެއަށް ނުވެއްދުން، އެހެންމީހުންގެ އިއްޒަތާއި އަބުރަށް ރައްކާތެރިވުން މިއީ އަޅުގަނޑުމެން މިޑިއާގެ މަސައްކަތް ކުރާއިރު ވިސްނަންޖެހޭ ކަންކަން. ހަމައެއާއިއެކީގައި އަޅުގަނޑުމެން ލިޔާ ކޮންމެ އެއްޗަކީވެސް އަޅުގަނޑުމެން އެއަށް ޖަވަބުދާރީ ވާންޖެހޭނެ އެއްޗެއް. އެއީ، ހަމައެކަނި މިދުނިޔެއަކު ނޫން. އާޚިރަތުގައިވެސް ޖަވާބުދާރި ވާންޖެހޭނެ". ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވިއެވެ.
ފަންނާއި، ސަގާފަތާއި، ތަރިކައާއި ބެހޭ ވުޒާރާ ދަށުގައިވާ ހުރިހާ މުއައްސަސާއަކަށް ހުޅުވާލައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި މަޢުލޫމާތު ހާމަކުރުމުގެ އިތުރުން ޚަބަރާއި ރިޕޯޓު ލިޔުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. މީގެއިތުރުން ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، ޕޯސްޓަރު ތައްޔާރުކުރުން ފަދަ މީޑިއާއާ ގުޅުންހުރި މުހިންމު އެހެނިހެން މަސައްކަތްތައް ވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެތެރޭގައި ނެޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް)، ޤައުމީ ކުތުބުޚާނާ، ދިވެހިބަހުގެ އެކެޑަމީ، ޤައުމީ އަރުޝީފު އަދި އޮލިމްޕަސް ހިމެނެއެވެ.
މިމަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި، ޤައުމީ ކުތުބުޚާނާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.