ޚަބަރު

ޔޫކްރެއިންގެ ފިހާރަބަރިއަކަށް ދިން ހަމަލާތަކެއްގައި 16 މަރު


ޔޫކްރެއިންގެ މެދުތެރޭގައި އޮންްނަ ކްރެވޮއި ރީހްގެ ފިހާރަބަރިއަކަށް ރަޝިއާއިން ދިން ޑްރޯން ހަމަލާތަކެއްގައި ޢާންމުންގެ 16 މީހުން މަރުވެއްޖެއެވެ. ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އުފަން ރަށަށް ކަމުގައިވާ ކްރެވޮއި ރީހަށް ދުވާލުގެ ވަގުތުގައި ދީފައިވާ މި ހަމަލާތަކުގައި އިތުރު 130 މީހަކު ޒަޚަމުވި ކަމުގައި ޔޫކްރެއިންގެ އިދާރާތަކުން ބުނެއެވެ. އެ ސަރަޙައްދުގެ ގަވަރުނަރު އޮލެކްސާންދްރަ ހާންޜާ ވިދާޅުވީ، ޒަޚަމުވި މީހުންގެ ތެރޭގައި 22 ކުޑަކުދިން ހިމެނޭ ކަމަށާއި، ފަސް ކުޑަކުދިންނާއެކު 29 މީހެއްގެ ޙާލު ވަރަށް ސީރިއަސް ކަމުގައެވެ.

ހާންޜާ ވިދާޅުވީ، މި ހަމަލާތަކާ ގުޅިގެން ފިހާރަބަރި ހުންނަ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ނުވަ މީހުންގެ ހަށިގަނޑު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. އޭގެ ތެރޭގައި ދެ ކުޑަކުއްޖެއްގެ ހަށިގަނޑު ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެ މީހުންގެ ހަށިތައް ހޯދުމަށް ކުއްލި ޙާލަތުގައި ހަރަކާތްތެރިވާ ޓީމުތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަމަލާތަކަކީ، "ދަށުދަރަޖައިގެ، ނިރުބަވެރި" ހަމަލާތަކެއްގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވިއެވެ. ފުރަތަމަ ހަމަލާއަށް ފަހު ބައިގަޑިއިރު ފަހުން ދެވަނަ ޑްރޯން ހަމަލާ ދީފައި ވަނީ ކުއްލި ޙާލަތްތަކުގައި އެހީތެރިވާ ޚިދުމަތްތެރިންނަށް އަމާޒުކޮށް ކަމުގައި ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ. އަދި، މި "ނިރުބަވެރި" ހަމަލާއަށް ރަޝިއާ ޖަވާބުދާރީ ކުރުވާނެ ކަމުގައި ވިދާޅުވެ، އޭނާ ވަނީ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އޮގަސްޓު 21 ވަނަ ދުވަހު ރަޝިއާއިން ވަނީ ޔޫކްރެއިންގެ ދެކުނުގައި އޮންނަ މިކޮލައިވްއަށް ވެސް ޑްރޯން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމުގައި ޔޫކްރެއިންގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ. އޭގެ އެއް ދުވަސް ކުރިން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ވެސް ދީފައެވެ. އެ ހަމަލާތަކުގައި 17 މީހުން މަރުވި ކަމުގައި ޔޫކްރެއިންގެ އިދާރާތަކުން ބުނެއެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާއިރު، ދެ ޤައުމުން ވެސް މިހާރު ދަނީ ހަމަލާތައް ވަރުގަދަކޮށް، ފުޅާ ކުރަމުންނެވެ. މި ގޮތުން، ޔޫކްރެއިނުން ދަނީ ރަޝިއާއަށް އިޤުތިޞާދީ ގޮތުން ގެއްލުން ދިނުމުގެ ގޮތުން، އެ ޤައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ތެޔޮ ރައްކާކުރާ ގުދަންތަކަށް ހަމަލާ ދެމުންނެވެ.