ވޯލްޑް ކަޕް ފައިނަލަށް ފަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ކުޅުންތެރިންނާއި ސްޕޭނުގެ ގަވީ ސަސްޕެންޑް ކޮށްފި އެވެ.
ފީފާއިން މި މައްސަލަ ތަހުގީގު ކުރުމަށްފަހު އެންމެ ބޮޑު ސަސްޕެންޑަށް ދީފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންދްރޯ ޕަރެޑޭސް އަށެވެ. އޭނާ ސަސްޕެންޑް ކުރީ 10 މެޗަށެވެ. އަދި 90000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ދެން އެންމެ ބޮޑު ސަސްޕެންޝަނެއް ކުރިމަތިވީ އާޖެންޓީނާގެ މޮލީނާ އަށެވެ. އޭނާ ސަސްޕެންޑް ކުރީ ހަތް މެޗަށެވެ. އަދި 90000 ޑޮލަރުން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
ސްޕޭން އަތުން 1-0އިން ބަލިވި މެޗަށް ފަހު ޕަރެޑޭސް ވަނީ ސްޕޭނުގެ އެރިކް ގާސިއާގެ ކަރުގައި ހިފައި އެ ގައުމުގެ ގަވީ ބިމާ ހަމަކޮށްފައިފަ އެވެ. ނަމަވެސް ގަވީ ފަހުން ބުނީ ޕެރަޑޭޝް އޭނާ އޭގެ ގައިގައި އަތްލައި ކޮށްޕާލިހެން ހީނުވާ ކަމަށެވެ. އެކަމަކު ފީފާއިން ވަނީ މައްސަލަ ބެލުމަށްފަހު ގަވީ ވެސް އެއް މެޗަށް ސަސްޕެންޑްކޮށް 30000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.
މީގެ އިތުރުން އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ ވެސް ވަނީ ތިން މެޗަށް ސަސްޕެންޑްކޮށް 30000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. ކުރޫގެ ވަރުގަދަ ޑިފެންޑަރުގެ ކުށަކީ ސްޕޭނުގެ އޮލްމޯއާ ދިމާކޮށް ހަމަނުޖެހުން ހިންގުމެވެ.
ތަށި ދިފާއު ކުރަން ނުކުން އާޖެންޓީނާއިން މެޗަށް ފަހު ހިންގި ހަމަނުޖެހުންތަކާއެކު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަން ވެސް ވަނީ 321000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. މީގެ ތެރެއިން އެއް ލައްކަ ޑޮލަރު އިންވެސްޓް ކުރަން ޖެހެނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށެވެ. މީގެ އިތުރުން އާޖެންޓީނާއިން އެންމެ އަވަހަށް ކުޅެން ޖެހޭ ދެ މެޗަށް ވެއްދޭނީ 50 ޕަސެންޓް ސަޕޯޓަރުން ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މި އަދަބުތަކާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ނިންމުންތައް ފީފާގައި އިސްތިއުނާފު ކުރާނެ ކަމަށާއި ނާކާމިޔާބު ވެއްޖެނަމަ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ނުވަތަ ކާސް އަށް ގެންދާނެ ކަމަށެވެ.