ޚަބަރު

"މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވާނީ ސިނާއަތް ބާރުވެރިކޮށްގެން"


  • ދަތިތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި

  • ގޮންޖެހުންތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި

މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރެވޭނީ، މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައިގެން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "އާރުވެރި" މެޗިން ގްރާންޓް ސްކީމް އިފްތުތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާރުވެރި މެޗިން ގްރާންޓް ސްކީމަކީ، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް 7 ދާއިރާއަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ސްކީމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާއި މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޚާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ހަމައެކަނި ސަރުކާރަކަށްވެސް ހައްލުކުރެވޭނެ ގޮންޖެހުންތަކެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މައްސަލަތައް ހައްލު ކުރެވޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ބާރުވެރިކުރުވައިގެން ކަމަށެވެ.

"ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވައިގެން ނޫނީ މުޅި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލެއް ނުކުރެވޭނެ. އެގޮތުން މަސްވެރި ސިނާއަތުގައި މިހުރީ ވަރަށް ޒަމާންވީ ގޮންޖެހުންތަކެއް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުންއައި ނަމަވެސް ގޮންޖެހުންތައް ހުރީ ހުރިގޮތައް މި ގޮންޖެހުންތައް ހައްލު ކުރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ފައިސާ ނުވަތަ އިންވެސްޓުމަންޓް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެށީ އަމިއްލަ ފަރުދުންނާއި، ޕްރައިވެޓް ސެކްޓަރަށްވެސް ފުރުސަތުތައް ފަހިވާން ޖެހޭ ކަމަށް ޤަބޫލުކޮށްގެން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަމާޒަކަށްވީ ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު، ޕްރައިވެޓް ކުންފުނިތަކަށްވެސް ފަހި މާހައުލެއް އުފެއްދިގެން ގޮންޖެހުންތައް ހައްލު ކުރެވޭނެ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ގްރާންޓް ސްކީމަކީ، މަސްވެރި ސިނާއަތް ކުރިއަރުވައި މާލީގޮތުން ބާރުވެރި ކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ސްކީމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީ ކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރު ކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސްކީމުގެ މަޤުޞަދެކެވެ.