ޚަބަރު

މޯލްޑިވްސް ޕްރޯ: ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން އިޔަންއަށް


  • ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން އިޔަން ހޯދީ ފައިނަލް ހީޓުގައި 13.90 ސްކޯ ކޮށްގެން

  • މިހީޓުގައި ދެން ވާދަކުރީ ނޫހް އަދި ދާއިން

  • މި 3 އެތްލީޓުންނަށްވަނީ ސްޕެއިންގައި ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ ފައިނަލް މުބާރާތުން ޖާގަ ލިބިފައި

ރާއްޖޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ ޖޫނިއަރ މެންސް ރައިސިންގ އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ އިޔަން އަހުމަދު ހޯދައިފިއެވެ.

ޖޫނިއަރ ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އޭޝިއާ ސަރަހައްދުގެ އެތުލީޓުންނަށް އެކަންޏެވެ. އޭގެ ބޭނުން ހިފައި މިފަހަރުގެ މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ބައިވެރިވެފައިވަނީ ހަމައެކަނި ރާއްޖޭގެ ތިން އެތުލީޓުންނެވެ.

މިކެޓަގަރީގައި ރާއްޖޭގެ ތިން އެތުލީޓުން ބައިވެރިވެފައިވުމާއެކު އެތިން އެތުލީޓުންނަށް ވަނީ ސްޕެއިންގެ ފްރޮންޓޮންގައި ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ ފައިނަލް މުބާރާތުން ޖާގަ ލިބިފައެވެ.

ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އިޔަން ހޯދީ ފައިނަލް ހީޓުގައި މުޅިއެކު 13.90 ސްކޯކޮށްގެންނެވެ. އިޔަންއާއެކު މިހީޓުގައި ދެން ވާދަކުރީ ނޫހް މުހައްމަދު ދުނައިމް އިރުޝާދު އާއި ދާއިން އަބްދުލް ފައްތާހުއެވެ. ނޫހް އަށް ފައިނަލް ހީޓުން 13.75 ލިބުނު އިރު، ދުނައިމް އަށް 6.00 ސްކޯ ކުރެވުނެވެ.

އިޔަން އެންމެ މަތިން ސްކޯ ކޮށްފައިވަނީ ހަތަރުވަނަ އަދި ފަސްވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުގައި އިޔަން އަށް 7.00 ސްކޯއެއް ލިބުނުއިރު، ފަސްވަނަ ރާޅުގައި 6.90 ސްކޯ ކުރިއެވެ.

ނޫހް އަށް އެންމެ މަތިން ސްކޯ ކުރެވުނީ ފުރަތަމަ ރާޅު އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އޭނާ އަށް 6.25 ސްކޯ ކުރެވުނުއިރު، ތިންވަނަ ރާޅުގައި 7.50 ސްކޯ ކުރެވުނެވެ.

މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގައި މިފަހަރު ރާއްޖޭގެ 13 އެތުލީޓުން ވާދަކުރިއިރު، މިމުބާރާތުގެ މެންސް ރައިސިން އިވެންޓުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އާމިން އުމަރު މޫސާ އަދި އަލީ ޚުޝްރުވާން ވަނީ ވާދަކޮށްފައެވެ.